ހަތަރު މެންބަރުންގެ ގޮނޑިއާ މެދު އިތުރަށް ކަނޑައަޅަންޖެހޭ ކަމެއް ނެތް: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެންބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން އިތުރަށް ނިންމަންޖެހޭ ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ހަ މެންބަރުންގެ ތެރެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެންބަރުންގެ ތެރެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ނުވަނީ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާނާއި، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ހަތަރު މެންބަރުންނަށް މިރޭ ހަވާލުކޮށްފައިވާ ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު އިއްވާފައިވާ ހުކުމާއި އަދި އެހުކުމާ ގުޅުވައިގެން ނެރުނު އަމުރުގައި މެންބަރުންގެ ގޮނޑީގެ މައްސަލާގައި ގޮތްތަކެއް ނިންމާފައިވާނެ ކަމަށެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތްތައް ގާނޫނުއަސާސީގައި ވެސް ބަޔާންކޮށްދީފައިވާ ކަން ފާހަގަކޮށް ސުޕްރީމް ކޯޓުގެ މިރޭގެ ނިންމުމުގައި ބުނެފައިވަނީ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅާ އެ ކޯޓުން އިއްވާފައިވާ ހުކުމްގައި ހުކުމްކުރި ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ބައެއްގެ މެންބަރުކަމާ މެދު ވަކި ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި އެ ތާރީހުގެ ފަހުން އެ ފަރާތްތަކުން އަމަލުކުރާ ގޮތެއްގެ މައްޗަށް ތަތްބީގްވާނެ އަހްކާމްތަކެއް ބަޔާންކުރާ ގަޟިއްޔާއެއް ކަމަށެވެ.
އެގަޟިއްޔާގެ ދަށުން އަދި އެގަޟިއްޔާގައި ބުނެފައިވާ ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަން ގެއްލޭނެ ގޮތްތަކެއް އޮތުމުން އެގަޟިއްޔާގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން މެނުވީ އެ ތާރީހާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ މެންބަރުކަމާ މެދު ހިލާފެއް އުފެދެން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ހުކުމާއި ކޯޓު އަމުރުން އެނގެން އޮންނަ ކަމަށްވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ މިމައްސަލަތަކުގެ އަޑުއެހުންތައް ނިންމާލީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.
ސުޕްރީމް ކޯޓުގެ މިރޭގެ ނިންމުމާ ގުޅިގެން ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުން ގެންދަނީ އުފާފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ