ދިރާގުން ސްކޫލް ކުދިންނަށް ޚާއްސަ ބައިސްކަލް ރޭހެއް ބާއްވަން ނިންމައިފި

ދިރާގާއި ބައިކްމޯލްޑިވްސްއިން ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ޚާއްސަ ބައިސްކަލް ރޭހެއް ބާއްވަން ނިންމައިފި އެވެ.
މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖައްސާފައިވަނީ ހުޅުމާލޭ ބައިކް ޓްރެކްގައިމިމަހުގެ 26 އަދި 27ވަނަ ދުވަހު އެވެ.
ދިރާގުން ބުނީ ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ރާއްޖެއަށް އެކަށީގެންވާ ކަމަކަށްވާތީ އެކުންފުނީގެ އަމާޒަކީ ބައިކް މޯލްޑިވްސްއާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުން ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ވަނީ ބައިވެރިވެފައިވެއެވެ.
ދިރާގުން ބުނީ މި މުބާރާތުގައި މިފަހަރުވެސް ތަފާތު 25 ރޭހެއް، 3 އުމުރުފުރާގެ މެދުގައި ކުރިއަށްދާނެ ކަމަށެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދާނީ ވަކިވަކިންނެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ރޭސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 26 އޭޕްރިލް 2019 - ހެނދުނު 7:00 އިން 9:00 އަށް އަދި 27 އޭޕްރިލް 2019 - ހެނދުނު 7:00 އިން ހަވީރު 4:00 އަށެވެ.
މިއީ ދިރާގާއެކު ބައިކް މޯލްޑިވްސް އިން މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ