ނަފްސާނީ ބައްޔާ ގުޅޭގޮތުން ސްކޫލް ކުދިންނަށް މައުލޫމާތު ދެނީ

ނަފްސާނީ ބައްޔާ ގުޅޭގޮތުން ސްކޫލް ކުދިންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ބައްދަލުވުމެއް ފަށައިފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލުގައި މިއަދު ފެށި މިބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ހެލްތު މިނިސްޓްރީއާއި، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗުއޯ)ގެ ބޭފުޅުންނެވެ.
މިބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވީ ޒުވާން އުމުރުފުރައަކީ ޠަބީއީގޮތުން ހަށިގަނޑަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްވަރެއް ކަމަށާއި އެއުމުރުގެ ކުދިންގެ ފަރާތުން މުޖުތަމައުން އުއްމީދުކުރާ ގޮތްތަކެއް ވެސް ހުރުމުން އެދުވަސްވަރު އެކުދިންނަށް ކުރިމަތިލާން އުނދަގޫ ކަންތައްތަކާ ދިމާވާ ކަމަށެވެ.
މިއުމުރުގެ ކުދިންނަށް ނަފްސާނީގޮތުން އަންނަ ބަދަލުތައް އެނގެންޖެހޭ ކަމަށާއި އަދި އެކަމަށް އެހީތެރިކަން ބޭނުންވާ ކަަމަށް ޑރ.ރަމީލާ ވިދާޅުވިއެވެ. ރަމިލާ ވިދާޅުވީ އަޅާނުލައި ދޫކޮށްލުމުގެ ބަދަލުގައި އެކަންކަމަށް ފަރުވާ ހޯދަންޖެހޭ ކަމަށާއި އަދި އެކަން ގަބޫލުކުރަން ވެސް ޖެހޭ ކަމަށެވެ.
އެހެންކަމުން މިއަދު މިބޭއްވޭ މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ދަރިވަރުންނާއި، ސްކޫލު މުވައްޒަފުންނާއި، މައިންބަފައިންނަށް މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުން ކަމަށް ރަމީލާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ގާތްގަނޑަކަށް 20 ދަރިވަރުންނާއި ސްކޫލްތަކުން 20 ބޭފުޅުން ބައިވެރިވެއެވެ. މިބައްދަލުވުމުގައި ޝީގެ ޗެއާޕާސަން އާސިމް މުހައްމަދާއި، ޑަބްލިޔުއެޗުއޯއިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު އަރްވީން މާތޫރް ވެސް ބައިވެރިވެވަޑައިގަތެވެ.
ކޮންމެ އަހަރަކުވެސް ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހެވެ. މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ޑިޕްރެޝަން - ލެޓްސް ޓޯލްކް" އެވެ.
ނަފްސާނީ ބަލީގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް އެކަމާ ގުޅޭ ޚާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިއްހަތު ދުވަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ދެއްވި ޚިތާބުގައި ވިދާޅުވެފައިވެއެވެ.
އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކަނިވެސް ގާތްގަނޑަކަށް 5000 މީހުން ނަފްސާނީ ބަލިތަކުގައި ޑޮކްޓަރަށް ދައްކާފައިވާއިރު، ނަފްސާނީ ބަލިތަކަށް ގާތްގަނޑަކަށް 3.3 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ