ޖޭޕީގެ ކައުންސިލް މެމްބަރު ސޮބާހުގެ އިސްތިއުނާފްގެ ޝަރީއަތް މާދަމާ

މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖެހި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.
ހައިކޯޓުގައި މި މައްސަލަ ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 11:15 އަށެވެ.
ފުލުހުން ސޮބާހު ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކުން އަނިޔާވެރިކަމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މި މަހުގެ ތިންވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރަމުންދަނިކޮށް އެތަނުންނެވެ.
ކޯޓް އަމުރެއްގެ ދަށުން އެރޭ 11:00 ޖަހަނިކޮށް ސޮބާހު ހައްޔަރުކުރަން އުޅުމުން އެ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިންނާ އެސްއޯ ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހިނގާފައިވެ އެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ފުލުހުން ސޮބާހު ހައްޔަރުކުރީ މުޒާހަރާތަކުގައި ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭގޮތަށް މުޒާހަރާތަކުގައި ވާހަކަދައްކާތީ އެވެ.
ސޮބާހުގެ އިތުރުން މުޒާހަރާތަކުން އިސްކޮށް ފެނިވަޑައިގެންނެވި އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ހައްޔަރުކޮށްފައިވަނީ މިފަދަ ތުހުމަތެއްގަ އެވެ. އެ ތިން ބޭފުޅުންނަށްވެސް 15 ދުވަސް ވަންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހައިދީފަ އެވެ. އެހެން ނަމަވެސް 3 ބޭފުޅުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ