ހަވީރު އޮންލައިންގެ މަސައްކަތް ހުއްޓާލަންވެސް އަމުރުކޮށްފި

ރާއްޖޭގައި ނެރޭ އެންމެ ބޮޑު އަދި އެންމެ ދުވަސްވި ނޫސް "ހަވީރު" އޮންލައިން ހުއްޓާލުމަށްވެސް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހަވީރުގެ އޮންލައިން ހުއްޓާލަން މިއަދު އަމުރުކުރިއިރު މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ހަވީރު ނޫސް ނެރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައިވާ ގޮތަށް މިއަދު ނެރުނު އަމުރުގައިވެސް ބުނެފައިވަނީ ގ. ކޮއްގިރި ފާރޫގު ހަސަނާއި ހ. މީރުބަހުރުގޭ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫހަށް ނިސްބަތްވާ ގޮތަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
ހަވީރު ނޫސް އެޖެންސީގެ އެއްވެސް ބޭންކް އެކައުންޓަކުން އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށާއި އަދި ނޫހާއި ނޫސް އެޖެންސީގެ އެއްވެސް ކަމެއް ފާރޫގާއި ރަޝީދުގެ ބައިވެރިވުމެއް ނެތި ކުރިއަށް ނުގެންދިއުމަށް ވެސް އަމުރުކޮށްފައިވެ އެެވެ.
ސިވިލް ކޯޓުން ހަވީރަށް އަމާޒުވާ ގޮތަށް މިފަދަ އަމުރެއް ނެރެފައި މިވަނީ އެ ނޫހުގެ މިލްކުވެރިކަމާއި މެދު ހުށައަޅާފައިވާ މައްސަލަ އަކާއި ގުޅިގެންނެވެ. އަދި ވަގުތީ އަމުރު ނެރެފައިވަނީ ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު ހުށަހަޅާފައިވާ މައްސަލަ ނިމެންދެންނެވެ.
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ ހަވީރު ނެރުން ހުއްޓާލުމަށް ވަގުތީ އަމުރު ނެރުނީ ދައުވާ ކުރާ ދެ މީހުންގެ 50 ޕަސެންޓް ހަވީރުގައި އޮތުމާއި މިހާރު ހަވީރު ހިންގާ ހ. ނީލްވިލާ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން މައްސަލަ ހުށަހެޅި ދެ ފަރާތަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި ފާރޫގާއި ރަޝީދަކީ ވަގުތީ އަމުރަށް އެދުުމުގެ ސިފަ ލިބިގެންވާ ދެމީހުން ކަމަށް ވެސް ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައިވެ އެވެ.
ހަވީރު ނޫސް ނެރުން ހުއްޓާލުމަށް ވަގުތީ އަމުރެއް މިއަދު ސިވިލް ކޯޓުން ނެރުނުއިރު ހަވީރު ނޫސް އެޖެންސީއަކީ އެނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދުގެ ހިއްސާ ވެސްވާ ތަނެއް ކަމަށް ބުނެ މިދިޔަ އަހަރުގެ އޮގަސްޓު މަހު ހައި ކޯޓުން ވެސް ވަނީ ހުކުމް ކޮށްފަ އެވެ. ހައި ކޯޓުން ކުރި ހުކުމުގައި މިހާތަނަށް ހަވީރު ނިއުސް އެޖެންސީއަށް ލިބިފައިވާ ފައިދާގެ ތެރެއިން ފާރޫގާއި ރަޝީދަށް، ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއް ބައި ދިނުމަށް ވަނީ އަންގާފަ އެވެ. ވީނިއުސްއަށް އެނގިފައިވާ ގޮތުގައި އެ މަރުހަލާ އަދި އޮތީ ކޯޓުގަ އެވެ.
މީގެ ކުރިން ހައި ކޯޓުން ބުނެފައިވާ ގޮތުގައި ހަވީރުގެ ހަތަރު ވަނަ ހިއްސާދާރަކީ ހެންވޭރު ޓައިމްލެސް މުހައްމަދު ނައީމު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ