އަނދިރިކަމުގެ ހަތަރު ރެއަށްފަހު މިރޭ ތިނަދޫއަށް ކަރަންޓް ދީފި

(ގދ. ތިނަދޫ) އިންޖީނުގޭގައި ރޯވެ އަނދާ ހުލިވުމުގެ ސަބަބުން ގދ. ތިނަދޫ އިން ކަރަންޓު ކެނޑިފައިވާތާ ހަތަރު ރޭ ފަހުން ކަރަންޓު ދޫކޮށްފިއެވެ.
އެ ރަށަށް ކަރަންޓު ދޫކޮށްފައިވަނީ ސްޓެލްކޯއާއި އެމްޑަވްލިއުއެސްސީ އިން އިއްޔް ފޮނުވި އެއް މެގަވޯޓުގެ ދެ ޖަނެރޭޓަރު ބޭނުންކޮށްގެންނެވެ. މި ދެ ޖަނެރޭޓަރުވެސް ރޭގެ ވަގުތެއްގައި ވަނީ އިންޖީނުގެއަށް ގެންގޮސްފައެވެ. މި ދެ ޖަނެރޭޓަރުން ކަރަންޓު ދޫކުރަން ފަށާފައިވަނީ މިއަދު ހަވީރު 18:00 ހާއިރު އެވެ. މިރަށަށް ކަރަންޓު ދޫކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
މިރަށު އިންޖީނުގޭގައި އަލިފާން ރޯވި ހާދިސާގައި 22 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާއިރު އެތަނުގައި އަލިފާން ރޯވި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ކަރަންޓު ދިނުމަށް އެއް މެގަވޯޓުގެ ދެ ޖަނެރޭޓަރު ގެނެސްފައިޥާއިރު 1.4 މެގަވޯޓުގެ އިތުރު އިންޖީނެއް ރައީސް ޔާމީން ފެނަކާއަށް އެންގެވުމުގެ މަތިން މާދަމާ މިރަށަށް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ