ޔޫކްރޭން ހަނގުރާމަ ހުއްޓާލުމަށް އދ.ގެ އެންމެ މަތީ ކޯޓުން އަމުރުކޮށްފި

ރަޝިއާއިން ޔޫކްރޭނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް، އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަމުރުކޮށްފިއެވެ. އައިސީޖޭއިން އިއްޔެ ނެރުނު އަމުރެއްގައި ވަނީ، ރަޝިއާއިން މިދިޔަ މަހުގެ 24ގައި ޔޫކްރޭންގައި ފެށި އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަންގައިފައެވެ. އެ އަމުރު ނެރެފައި ވަނީ އެ ކޯޓުގެ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ ތާއިދާއެކުގައެވެ. އެ އަމުރާ ދެކޮޅަށް ވޯޓު ދެއްވީ ރަޝިއާ އާއި ޗައިނާއަށް ނިސްބަތްވާ ދެ ފަނޑިޔާރުންނެވެ. އެ އަމުރުގައިވާ ގޮތުން، ރަޝިއާއިން ޔޫކްރޭނަށް އަރައިގަތީ، ޔޫކްރޭނުން އެގައުމުގެ އިރުމަތީގައި ގަތުލުއާންމެއް ހިންގަމުންދާ ކަމަށް ބުނެއެވެ. ނަމަވެސް ޔޫކްރޭނުން އެފަދަ ކަމެއް ކުރާ ކަމުގެ އެއްވެސް ހެއްކެއް އައިސީޖޭއަށް ލިބިފައި ނުވާ ކަމަށް އެ ކޯޓުން ފާހަގަކުރިއެވެ. ރަޝިއާގެ އެ ތުހުމަތާ ގުޅިގެން ޔޫކްރޭނުން އެ މައްސަލަ އައިސީޖޭއަށް ހުށަހެޅީ މިދިޔަ މަހުގެ 26ގައެވެ. އެ ޝަކުވާއަށް ރައްދު ދެމުން ރަޝިއާއިން ބުނެފައި ވަނީ އެ މައްސަލަ ބެލުމުގެ އިހުތިސާސެއް އައިސީޖޭއަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ ހަތަރެއްގައި ބޭއްވި އިރާއި އިއްޔެ ކޯޓުން ގޮތް ނިންމި އިރުވެސް ރަޝިއާގެ ވަކީލުން ހާޒިރުނުވެއެވެ. އައިސީޖޭގެ ނިންމުމަކީ އޭގެ މައްޗަށް އަމަލު ކުރުން ލާޒިމު ނިންމުމަކަށްވީ ނަމަވެސް، އެ އަމުރު ތަންފީޒު ކުރުމުގެ ބާރެއް އެ ކޯޓަށް ލިބިފައި ނުވެއެވެ. ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދޭން ފެށީ ޔޫކްރޭންގެ އިރުމަތީގައި އޮންނަ، އެގައުމުން ވަކިވެ ގަތުމަށް މަސައްކަތްކުރާ ޑޮނެސްކް އާއި ލުހަންސްކް އަކީ މިނިވަން ދެ ދައުލަތް ކަމަށް ބަލައިގަތުމަށްފަހުއެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން މި ހަފްތާގައި ބުނި ގޮތުގައި، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން މިހާތަނަށް 636 އާންމުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 46 ކުޑަކުދިން ހިމެނޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ