ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީގެ މެމްބަރުންތަކެއް މަަސައްކަތް ފަށައިފި އެވެ.
މިކަން އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ބައެއް މީޑިއާތަކަށް ކަށަވަރުކޮށް ދެއްވާފައިވެ އެވެ. ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް މިހާރު ފަށާފައިވާ އިރު، އެނގިފައިވާ ގޮތުގައި ރޭ ވެސް އެފަދަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވެގެން އެކި މެމްބަރުން ގުޅުއްވައި އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.
"އެކަމަކު، ރަސްމީކޮށް އަދި އެއްވެސް ހުށަހެޅުމެއް ނާދޭ. އަޅުގަނޑު ބުނިން ރަސްމީކޮށް ހުށަހެޅުއްވީމައޭ ތިކަން ކުރިއަށް ގެންދެވޭނީ،" އޭނަ ވިދާޅުވި އެވެ. "އެ ބޭފުޅުން ރަސްމީކޮށް އެ މައްސަލަ އަޅުގަނޑަށް ހުށަހެޅުއްވީމާ ޕީޖީ ގުރޫޕް ބާއްވާފައި އެ ފާސްވާ ގޮތަކަށް އަޅުގަނޑު ކުރިއަށް ގެންދާނީ. އަޅުގަނޑަށް ގުޅުވައި އެ ބޭފުޅުން ވިދާޅުވަނީ ނަޝީދު ދެން މަގާމުގައި [ރައްޔިތުންގެ މަޖިލިހުގެ ރައީސް] ބަހައްޓާކަށް ތިމަންނަމެން ބޭނުން ނުވެއޭ."
ބައެއް މީޑިއާތަކުން ބުނީ ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންގެވުމަކަށް ކަމަށެވެ. އެމްޑީޕީ މިހާރު ވެސް އޮތީ ރައީސާއި ނަޝީދުގެ ފެކްޝަނަށް ދެ ބައި ވެފަ އެވެ.
ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރުމާ ގުޅިގެން ކޯފާ އިސްކުރައްވައި ރައީސްގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް ވެސް އަޅުވައިފަ އެވެ. އެގޮތުން ރައީސް ޒިނޭކޮށްފައިވާ ކަމަށާއި ރާ ވެސް ހިއްޕަވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ނަޝީދުގެ މި ވާހަތަކާ ގުޅިގެން އެމްޑީޕީގެ ގިނަ ބައެއްގެ އިތުރުން ވަރަށް އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ވެސް ނަޝީދަށް އަމާޒުވެފައިވެ އެވެ.
ނަޝީދަކީ އެއްވެސް އަހުލާގެއް ނެތް މީހެއް ކަމަށް ވިދާޅުވެ އޭނާ މަގާމުތަކުން ވަކިކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް ވެސް ގޮވާލާފައިވެ އެވެ. ނަޝީދު މި ވަގުތު ހުންނެވީ މިދިޔަ ހަފުތާގައި ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރަކަށް ފަހު، އިނގިރޭސިވިލާތުގަ އެވެ.
ނަޝީދުގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އިރު، ނައިބު ރައީސްގެ މަގާމުގައި ހުންނެވީ ބޮޑުބޭބެ ވިދާޅުވީ އީވާ އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ