ވީހާ ވެސް ގިނައިން ހެޔޮ ބަސް ބުނުމަކީ އިސްލާމް ދީން ބާރު އަޅާ ކަމެއް: މައުމޫން
ހެޔޮބަސް ބުނުމަކީ އިސްލާމް ދީން އެކަމަކަށް ވަރަށް ބޮޑަށް ބާރު އަޅާކަމެއް ކަމަށާއި ވީހާ ވެސް ގިނައިން ހެޔޮބަސް ބުނުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ. "މައުމޫން ފައުންޑޭޝަން" އިން ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ ތަނެއްގައި އުޅުނު ކަމުގައި ވިޔަސް ހެޔޮ ބަސް ބުނަންޖެހޭނެ ކަމަށެވެ. ދުނިޔެވީ ކޮންމެ ކަމެއްގައި އުޅުނު ކަމުގައިވިޔަސް ހެޔޮ ބަސް ބުނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެހެންވެ މާތްﷲ އަންގަވަނީ ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށޭ. ވަކި ތަނެއް ނާންގާ، ވަކި މުނާސަބަތެއް ނާންގާ. އެންމެ މާތް ހެޔޮ ބަހަކީ ﷲ ފިޔަވައި އިލާހަކު ނުވާ ކަމަށް ބުނުން. ރަސޫލާގެ ހަދީޘްފުޅުތަކުން ވެސް އެކަން ވާރިދުވޭ. މިކަންކަމަށް ފަހުގައި ހެޔޮ ކަންކަމަށް އަމުރު ކުރުން. ހެޔޮ ނަސޭހަތް ދިނުން. ތެދު ބުނުން، މީސްތަކުން ސުލުހަ ކުރުމަށް މަސައްކަތް ކުރުން. ކިޔަވައި ދިނުން، މީސްތަކުންގެ އަހުލާގު ރަނގަޅު ކުރުމަށް ކުރަން ހުރި މަސައްކަތް ކުރުން،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ، މުސްލިމުން ނުވަތަ މުއުމިނުން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު ވެސް އޭނާގެ އަނގައިން ނުކުންނަން ޖެހޭނީ އަބަދުވެސް ހެޔޮ ބަސް ކަމަށެވެ. އަދި ހެޔޮބަހެއް ނުބުނެވޭ މީހާ މަޑުން ހުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައި އެވެ. އެގޮތުން އެއީ ކީރިތި ރަސޫލާ މިއުއްމަތަށް ދެއްވާފައިވާ އިރުޝާދެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވަނީ އެކި ރަސޫލުންގެ ޒަމާނުން މިސާލު ނަންގަވައި ހެޔޮބަސް ބުނުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. "އަޅުގަނޑުމެންނަށް މޫސާގެފާނުގެ ޒަމާނުގައި ވެސް ފެނިގެން ދިޔައީ ފިރުއައުނު ފަދަ ނުބައި ޖައްބާރު މީހަކާ މޫސާގެ ފާނު މުހާތަބު ކުރައްވާއިރު ވެސް މަޑުމައިތިރި ކަމާ ބަލާޣާތްތެރި ކަމާއެކީ ވާހަކަދެއްކެވިތަން. އެހެންވީމަ އެބަ އިނގޭ އަޅުގަނޑުމެން އެއްވެސް އިރެއްގައި ހުތުރު އިބާރާތުން ހަރުކަށި އިބާރާތުން މީހަކާ މުހާތަބުކޮށްގެން ނުވާނެ ކަން. އެއީ މުޝްރިކެއް ކަމުގައި ވިއަސް ކާފަރެއް ކަމުގައި ވިއަސް. ކޮންމެ މީހަކާ ވާހަކަދައްކާއިރު ވާހަކަދައްކަން ވާނީ މަޑުމައިތިރި ކަމާއި އެކުގައި،" މިރޭ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ އިހްޔާކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ