ކޮވިޑް19: ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ވެސް ކެންސަލްކޮށްފި

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ވެސް ކެންސަލް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ، މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓުގައި ތާވަލް ކޮށްފައިވާ އަޑުއެހުންތައް ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެ އަޑުއެހުންތައް ވީއެންމެ އަވަހަކަށް ތާވަލް ކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުން މި ނިންމުން ނިންމިއިރު، ސަރުކާރު އެއް ހަފްތާ އަށް ބަންދުކުރަން އިއްޔެ ކެބިނެޓުން ވަނީ ނިންމާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ކޮވިޑް19 އާ ގުޅިގެން މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ވަނީ ސަރުކާރު ބަންދު ކުރުމަށް ނިންމާފައެވެ. މިއީވެސް ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުން ގެންދާ ފިޔަވަޅެކެވެ.
ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ އެންމެންނަކީ ވެސް ހުސް ބިދޭސީންނެވެ. އޭގެތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސް ތިބި ފަތުރުވެރިން ގިނަކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ