ކައުންސިލް އިންތިޚާބު ފަސްކުރަން މައުމޫން ގޮވާލައްވައިފި

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
ކޮރޯނާވައިރަސް ނުވަތަ އެ ވައިރަސް އިން ޖައްސާ ބަލި، ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް ހަ މީހަކު ޕޮޒިޓިވްފެއިވާއިރު، އިތުރު ބަޔަކު ދަނީ އެ ބައްޔަށް ޓެސްޓު ކުރަމުންނެވެ.
ރާއްޖެ އިން ވެސް ކޮވިޑް-19 ފެނިފައިވާތީއާ އެކު، އިންތިޚާބު ފަސްކުރަން ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ވެސް ރައީސްކަން ކުރައްވާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑުން ދިވެހިން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަހުގެ ތާރީޚަކަށް އިންތިޚާބު ފަސްކުރަންޖެހޭ ކަމަށެވެ.
އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްއާރުއެމުން 16 ކެންޑިޑޭޓަކު ވާދަކުރެ އެވެ.
In keeping with the stringent measures in force to protect our people from the threat of #COVID2019 I would like to urge the government to delay local council elections to a later date. @ibusolih @ElectionsMv @MRM_Office— Maumoon Abdul Gayoom (@maumoonagayoom) March 10, 2020
ކޮރޯނާވައިރަހާ ގުޅިގެން، ޕާޓީތަކުގެ ކެމްޕެއިން ޖަލްސާތަކާއި ދަތުރުތައް މި ވަގުތަށް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.
ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ. އެހެންކަމުން އެއް ބައެއްގެ ނަޒަރުގައި އަންނަ މަހު އިންތިޚާބު ނުބޭއްވިޔަސް ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން އިންތިޚާބަށް ފުރުސަތު ލިބިދާނެ އެވެ
ދެން އޮންނާނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ވަގުތީ ހައްލެއް ހޯދުމެވެ. އެ ފުރުސަތު ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީ އަށް އޮތީ، ސުޕަ މެޖޯރިޓީއާ އެކު ފުރިހަމަ އަށް ހުޅުވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ