ތުލުސްދޫ މައްސަލަ: އަތޮޅު ކައުންސިލްގެ އިދާރާ ފުލުހުންގެ ނުރުހުމުގައި ހުޅުވި މައްސަލައާ ގުޅިގެން ދެ ފަރާތުން ސިއްރު މަޝްވަރާ ތަކެއް ކުރަނީ

ތުލުސްދޫން ހުސެއިން ހަސަން
ކ. އަތޮޅު ކައުންސިލް އިދާރާގެ އޮފީސް ފުލުހުންގެ ނުރުހުމުގައި ހުޅުވި މައްސަލާގައި ފުލުހުންނާއި ކައުންސިލް މެންބަރުންނާ ދެމެދު ސިއްރު މަޝްވަރާތަކެއް ފަށައިފި އެވެ.
މިއަދު ހަވީރު 4:15 އެހާކަންހާއިރު ފުލުހުންގެ ފައުޖެއް ތުލުސްދޫގާއި ގާއިމްކޮށްފައިވާ މާލެ އަތޮޅު ކައުންސިލްގެ އިދާރާގެ ތެރެއަށް ވަދެ، ކައުންސިލްގެ އިސްވެރިންނާ ބައްދަލުކޮށްފައިވެ އެވެ. ގާތްގަޑަކަށް ގަޑިއެއްހާއިރަށް ދެމިގެންދިޔަ އެ ބައްދަލުވުމުގައި ދެ ފަރާތުން ބަދަލު ކުރި މަޝްވަރާތަކުގެ ތަފްސީލެއް ފުލުހުން ވެސް ކައުންސިލް އިދާރާއަކުން ވެސް ހާމަ ކޮށްފައެއްނުވެ އެވެ.
ކައުންސިލް އިދާރާގެ ކޮންފަރެސްރޫމުގައި ބޭއްވި މަޝްވަރާ ތަކުގައި ބައިވެރިވެވަޑައިގެންނެވީ މާލެ އަތޮޅު ކައުންސިލް ގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ ހަތަރު މެންބަރުންނެވެ. ނަވެސް އެމްޑީޕީގެ ދެ މެންބަރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ކައުންސިލް ބައްދަލުވުމަށް ފަހު ތުލުސްދޫގައި ހުރި ސަންގެ ނޫސްވެރިޔާއަށް ދެއްވި އިންޓަވިއުއެއްގައި ކައުންސިލްގެ ރައީސް އަހުމަދު ސައީދު ވިދާޅުވި މިރޭގެ ވަގުތެއްގައި ވެސް ފުލުހުންނާއެކު ސިއްރު މަޝްވަރާ ބައްދަލުވުންތަކެއް ކައުންސިލްގެ އިދާރާގައި ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް މަސްލަހަތައްޓަކައި އެ މަޝްވަރާތައް އަދި މީޑިއާގައި ހާމަކުރެވެން ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.
"ސިއްރު މައްޝަވަރާ ބައްދަލުވުންތަކެއް އަޅުގަނޑުމެން ކުރިއަށް ގެންދިއައީ. ނަމަވެސް ދެފަރާތުން ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ދަންނަވަން ނުކެރޭނެ. އަދި އަޅުގަނޑުމެން ނިންމާފައިވަނީ އެކަން ހާމަނުކުރުމަށް."
މިއަދު ބޭއްވި މަޝްވަރާ ތަކުގެ މައުލޫމާތު ކައުންސިލުން ވަނީ ޑީއާރުޕީގެ އިސްވެރިންނާ ގުޅުއްވައި ހިއްސާ ކުރައްވާފަ އެވެ. ނަމަވެސް އަދި މިހާތަނަށް ޑީއާރުޕީން އެ މަޝަވަރާތައް މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.
ތުލުސްދޫގެ ކުރީގެ އަތޮޅު އޮފީހުގެ ނަން ބަދަލުކޮށް، ކ. އަތޮޅު ކައުންސިލްގެ އިދާރާގެ ނަމަށް ބަދަލުކޮށް ދިދަ ނަގާފައިވަނީ މިއަދު ހެނދުނު އެވެ. ނަމަވެސް ފުލުހުން އެ އޮފީހުގައި ތަޅުއަޅުވާފައި ވުމުން، ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި، ދެ ފަރާތުގެ މީހުންނަށް އަނިޔާވެފައިވެ އެވެ. އަދި ފުލުހުން ވަނީ ކައުންސިލްގެ އިދާރާ ޑިއާރުޕީގެ އަތޮޅު ކައުންސިލްގެ އަތްމައްޗަށް ދޫކޮށްލާފަ އެވެ.
މިއަދު ތުލުސްދޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ރަޔަޓް ގިޔަރުގައި ތިބި 50 ފުލުހުން އަދިވެސް ތުލުސްދޫގައި އެބަތިއްބެވެ. ހަމައެއާއެކު މިއަދު މެންދުރު ތުލުސްދޫގައި ހިނގި ހަމަނުޖެހުންތަކަށް ފަހު، މެންދުރު ފަހު 2:30 ފެށިގެން އަނެއްކާ ވެސް ފުލުހުން ވަނީ ކައުންސިލް އިދާރާގައި ކުރިމަތީގައި ފޯރިމަރަން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ