މާދަމާގެ މުޒާހަރާއަށް ފަންޑެއް ނުކުރަން، އަދީބު ހައްދަވަނީ ދޮގު: ގާސިމް

އިދިކޮޅު ފަރާތްތަކުން މާދަމާ ބާއްވާ މުޒާހަރާއަށް ހަރަދުނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާދަމާ އިދިކޮޅު ފަރާތްތަކުން ބާއްވާ ބޮޑު އެއްވުމަށް ފަންޑު ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
އަދީބް މިއަދު އެމަނިކުފާނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް ދޮގުކުރައްވާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ މާދަމާގެ މުޒާހަރާއަށް އެމަނިކުފާނު ފަންޑްކޮށްފައި ނުވާނެ ކަމަށެވެ.
"ޕީޕީއެމުން އަދީބް އެ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް،" ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ފަރާތުން މިއަދު މުލިއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދީބް ވިދާޅުވީ މާދަމާ އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމަށް ހަރަދު ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދީބް ނުދެއްވަ އެެވެ.
އަދީބް ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ނަމަވެސް މާދަމާގެ ހަރަކާތަށް ގާސިމް އެކި ގޮތްގޮތުން އެހީތެރިވާ ކަމަށެވެ.
މިނިސްޓަރު އަދީބް ގާސިމް އިބްރާހިމްގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާއިރު ޓޫރިޒަމް މިނިސްޓްރީން އަންގައިގެން ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ވަނީ ވިލާ ގުރޫޕުން ސަރުކާރަށް 100 މިލިއަން ޑޮލަރު ދެއްކުމަށް އަންގާ ނޯޓިސް ފޮނުވާފަ އެވެ. ނަަމަވެސް ވިލާ ގުރޫޕުން ގެންދަނީ އެއީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ