އަރޭމާ އަކީ މޮޅު ޓީމެއް، މޮޅުވާން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނަން – އިންމަ

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އަންގާރަ ދުވަހު ރަށުން ބޭރުގައި މާޒިޔާ ބައްދަލުކުރާ އިންޑޮނިޝިޔާގެ އަރޭމާ އަކީ މޮޅު ޓީމެއް ކަމަށާއި ނަމަވެސް އެ މެޗުން މޮޅުވާން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ މާޒިޔާގެ ކޯޗް އިސްމާއިލް މަހެފޫޒް (އިންމަ) ބުނެފިއެވެ.
އަރޭމާއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑޮނީޝިޔާއަށް ފުރުމުގެ ކުރިނ ނޫސްވެރިންނާ ވާހަކަދައްކަމުން އިންމަ ބުނީ މި މުބާރާތުގައި ކުރިއަށް ދިޔުމަށް މި މެޗުން މޮޅުވުމަކީ މާޒިޔާއަށް މިހާރު މަޖުބޫރުކަމެއް ކަމަށެވެ.
މި ވަރުގެ މުހިއްމު މެޗެއް ކުޅެން ޖެހެނީ ރަށުން ބޭރުގައި ކަމަށާއި އަދި ކުޅެން ޖެހެނީ ވެސް އެހާ ވަރުގަދަ ޓީމަކާއެކު ކަމަށް އިންމަ ބުނިއެވެ. ނަމަވެސް މެޗުން މޮޅުވުމަށްޓަކާ ކުރަންޖެހޭ ކޮންމެ ކަމެއް މާޒިޔާގެ ކުޅުންތެރިން ކުރާނެ ކަމަށް ވެސް އިންމަ ބުންޏެވެ.
އަރޭމާ ކަހަލަ ވަރުގަދަ ޓީމަކާ ރަށުން ބޭރުގައި ކުޅޭއިރު ކުޅެންޖެހޭނީ ވަރަށް ވިސްނައިގެން ކަމަށާއި އެގޮތުން މާބޮޑަށް ކުރިއަށް ޖެހި އެޓޭކް ކުރުމަކީ އުނދަގޫ ކަމެއް ކަމަށް އިންމަ ބުންޏެވެ. މޮޅުވާން ގެންގުޅޭ ޕްލޭނާ އެއްގޮތަށް ހުރިހާ ކުޅުންތެރިން ވެސް ކުޅެފިނަމަ މި މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ވެސް އިންމަ ބުންޏެވެ.
އަރޭމާ އާއި މާޒިޔާ ގަލޮޅު ދަނޑުގައި ބައްދަލުކުރި މެޗް 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އަރޭމާ އިންނެވެ.
ގްރޫޕްގައި މިހާތަނަށް 3 މެޗް ކުޅެވިގެންދިޔައިރު މާޒިޔާ އޮތީ 1 ޕޮއިންޓާއެކީ ގްރޫޕްގެ އެންމެ ފުލުގައެވެ. އެހެންކަމުން މުބާާރާތުގައި އަމިއްލަ ބާރާއެކީ މާޒިޔާއަށް ކުރިއަށް ދެވޭނީ އަރޭމާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ