ސިއްހީ ދާއިރާގެ ހާލަތު ރަނގަޅުކުރުމަށް ސައުދީ ވަލީއަހުދު 1.5 މިލިއަން ޑޮލަރު ހަދިޔާކުރައްވައިފި

ސައުދީ އަރަބިއްޔާގެ ވަލީއަހުދު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް 1.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 23 މިލިއަން ރުފިޔާ) ހަދިޔާކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިއްހީ ދާއިރާގެ އެކި ކަންކަމަށް ސަރުކާރުން ހަރަދުކުރުމަށްޓަކައި ސައުދީ ވަލީއަހުދު ފައިސާ މިހާރު ހަދިޔާކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފްސީލްތައް ފަހުން ހާމަކުރައްވާނެ ކަމަށް ވެސް މިވަގުތު ސައުދި އަރަބިއްޔާގައި ހުންނެވި ޝަހީމް ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން ތައުލީމީ ދާއިރާ އަށް ވެސް އެހީތެރިކަން ދެއްވަން ނިންމަވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެހާ ކަންކަމުގައި ވެސް އެހީތެރިކަން ދެއްވާނެ ކަމަށާއި ރާއްޖެއާއި މެދު ވަރަށް ހާއްސަ ނަޒަރަކުން ދެކެވަޑައިގަންނަވާ ކަމުގައި ވަލީ އަހުދު ވަނީ ވިދާޅުވެފައެވެ.
ސައުދީގެ ވަލީއަހުދު ޒަކާތު ފަންޑަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރައްވައި، އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި 10 މިސްކިތް ބިނާކޮށްދެއްވުމަށް މީގެކުރިން ވަނީ ނިންމަވާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެއީ ވަލީއަހުދު އަމިއްލަފުޅަށް ދެއްވާ އެހީ ފުޅެކެވެ.
ސަރުކާރާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު ވަލީއަހުދު ސަލްމާން މިހާރު ގެންދަވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުންނެވެ. އެމަނިކުފާނު މިމަހުގެ ތެރޭގައި ފުރާވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ