މުސްލިމުންނަކީ އެމީހަކު އެދޭ ކަންކަން ޙާޞިލު ނުވުމުން އެކަމާއި ދެރަވެ އަތް އުރާލައިގެން ތިބެން އޮތް ބައެއް ނޫނެވެ! އޮތީ އެކަމަށް އެދި އިތުރަށް މަސައްކަތް ކުރުމެވެ. ތިމާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމާއިއެކު ދުޢާކުރަމުން ގެންދިއުމެވެ. އެމަގުން ޢަމަލުކުރުމުންވެސް އެކަން ޙާޞިލު ނުކުރެވުނު ނަމަ އޮތީ ﷲ ތައާލާއަށްޝުކުރުވެރިވުން އިތުރުކުރުމެވެ!
ބައެއް މީހުން ބުނެފާނެއެވެ. މިވެނި މީހަކު މަރުވެ ދިއައިރުވެސް އެމީހާ އެންމެ ބޭނުންވި ކަންތައް ޙާޞިލެއް ނުކުރެވެއެވެ. އެއީވެސް ހަމަ މެދުވެރިވެދާނެ ގޮތެކެވެ. ޔަޤީންކުރަންވީ އެމީހާއަށް އެކަން ޙާޞިލު ނުކުރެވި އެދިއައީ އޭނާއަށް ރަނގަޅަކަށް ކަމެވެ. އެކަން އެމީހަކަށް ޙާޞިލުވުމަށްވުރެ ނުވުން އެމީހަކަށް ފައިދާ ބޮޑުވީމައެވެ. އެކަން އެމީހާއަށް ނުއެނގެނީއެވެ. ނަމަވެސް ﷲ ތަޢާލާ ހުރިހާ އެންމެންގެ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެދޭ ކަންތައް ޙާޞިލުކުރަން މަސައްކަތްކުރުމުން ވެސް ޙާޞިލުނުވިނަމަ ޝުކުރުވެރިވުން އިތުރުކުރަން މިބުނަނީ އެ ސަބަބަށްޓަކައެވެ.
މީހަކު ވަޒީފާއެއް ބޭނުން ވެގެން 2، 3، 4 ތަނަކަށް ސީވީ ފޮނުވައިފާނެއެވެ. ދިރިއުޅޭނެ ފްލެޓެއް ހޯދަން 4،5 ތަނަކުން މަސައްކަތްކޮށްފާނެއެވެ. ނަމަވެސް ލިބޭނެ ގޮތެއް ނުވެދާނެއެވެ. އެ ހާލަތުގައި ޔަޤީން ކުރަންވީ ކަމަކީ އެކަން ތިމާއަށް ޙާޞިލުވުމަށް ﷲ ތައާލާ މިންވަރުފުޅު ކުރައްވަވާފައިވާ ވަގުތު އައިސް ޖެހުމުން އެކަން ފުރިހަމަވާނެ ކަމެވެ. އަދި ފުރިހަމަވާއިރު ފުރިހަމަވާނީ އުންމީދުކުރި ގޮތަށްވުރެވެސް މާބޮޑަށް ފުރިހަމައަށް ކަމެވެ.
ނަމަވެސް މީގެ މާނައަކީ 2،3 ތަނަށް ސީވީ ފޮނުވުމުން ވަޒީފާ ނުލިބުނީމާ ﷲ ތައާލާ ވަޒީފާއެއް ހަމަޖައްސަވައިދެއްވަވާނެ ކަމަށް ބަލައި އެކަމުގެ އިންތިޒާރުގައި އަތް އުރާލައިގެން ހުރުމެއް ނޫނެވެ. ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ސަބަބުތަކުގައި ހިފައިގެން ހުރެ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
އަބަދުވެސް ބުނާ މީހަކު ކަމެއް ބޭނުންވެގެން ކިތަންމެ އަވަސް އަރައިގެން އުޅުނު ނަމަވެސް އެމީހަކަށް އެކަމެއް ލިބުމަށް އެންމެ ރަނގަޅު ވަގުތު ދެނެވޮޑިގެންވަނީ ﷲ ތައާލާއެވެ. ވީމާ އެދޭ ކަމެއް ޙާޞިލުނުވެ ލަސްވަމުން ދަނީ ތިމާއަށް ރަނގަޅަކަށްކަން ޔަޤީން ކުރާށެވެ! އެ ޔަޤީންކަމުގައި ހުންނަ މީހަކު މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
މަސައްކަތް ކުރުމުންވެސް ކާމިޔާބު ނުކުރެވުނުނަމަ ޝުކުރުވެރިވުން އިތުރުކުރަންޖެހޭ ސަބަބު!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ