ކުރީގެ ސަރުކާރުން ނަގާފައިވާ ސުކޫކު އަނބުރާ ދެއްކުމުން، ރާއްޖޭގެ ދަރަނީގެ ހާލަތަށް ލިބިފައި ލުޔަށް ބަލައި، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައި އޮތް ރޭޓިން މަތިކޮށްފި އެވެ.
މިދިޔަ އަހަރު ޖޫން މަހު، ރާއްޖޭގެ ދަރަނީގެ ހާލަތަށް ބަލައި، ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ"ގައި ދަމަހައްޓައިފަ އެވެ.
ނަމަވެސް، ފިޗުން މިއަދު ނެރުނު ރިޕޯޓުގައި ވަނީ، ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން 'ސީސީ' އިން 'ސީސީސީ-'އަށް މަތިކޮށްފަ އެވެ.
ފިޗުން މި ނިންމުން ނިންމާފައިވަނީ މިދިޔަ އޭޕްރިލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް ބުނެ އެވެ.
އެ އެޖެންސީން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ބޭރުގެ ދަރަނި ކަމަށްވާ ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ދިމާވެދާނެ ނުރައްކާތައް ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މި ރޭޓިން އަކީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކުރިޔަސް، މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން ރާއްޖެއަށް ބޭރު ފައިސާ ލިބޭ މައި މަގު ކަމަށްވާ ޓޫރިޒަމުން ލިބޭ އާމްދަނީއަށް ހީނަރުކަން އައިސްފައިވާތީ ފިސްކަލް ހިރާސްތައް އަދިވެސް ބޮޑުކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މިގޮތުން، ރާއްޖޭގެ ގްރޮސް ރިޒާވްގައި އެންމެ މަހެއްގެ އިމްޕޯޓަށް ދައްކަންޖެހޭ ފައިސާ ވެސް ނެތް ކަމަށް ލަފާކޮށްފައިވެ އެވެ.
އަދި ކަރަންޓު އެކައުންޓު ޑެފިސިޓް، ޖީޑީޕީގެ ނިސްބަތުން މިދިޔަ އަހަރު ހުރި 8.4 ޕަސެންޓުން 17.5 ޕަސެންޓަށް މި އަހަރުގެ ތެރޭގައި އިތުރުވާނެކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާކޮށްފަ އެވެ.
ފިޗުން ލަފާކުރާ ގޮތުގައި، މާކެޓުގައި ދިވެހި ރުފިޔާ އިތުރުވުމުގެ ސަބަބުން ޑޮލަރުގެ ތާށިކަން އިތުރަށް ގޯސްވެ، ޑޮލަރުގެ ރޭޓު ހިފެހެއްޓުމަށް ސަރުކާރަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.
އަދި ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ފިސްކަލް ޑެފިސިޓް މިދިޔަ އަހަރު ހުރި 2.9 ޕަސެންޓުން، މި އަހަރުގެ ތެރޭގައި 14.6 ޕަސެންޓަށް އިތުރުވާނެ ކަމަށް ވެސް ފިޗުން ލަފާކޮށްފައިވެ އެވެ.
މިއީ މި އަހަރުގެ ތެރޭގައި ފިސްކަލް ޑިފެސިޓް ހިފަހައްޓަން ސަރުކާރުން ކަނޑައެޅި 7.1 ޕަސެންޓަށް ވުރެ ދެ ގުނައަށް ވުރެ ބޮޑު އަދަދެކެވެ.
އަނބުރާ ދެއްކި ބޮޑު ދަރަންޏާއެކު ފިޗުން، ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ