އިދިކޮޅު މުޒާހަރާގެ ތެރެއިން މިހާތަނަށް 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ސަރުކާރަށް ގޮން ޖަހައި އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މިހާތަނަށް 28 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މީހުންނަކީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން މިއަދު އިންޒާރު ދީފައިވަނިކޮށް، މަގުތަކަށް ނުކުމެ މުޒާހަރާކުރި މީހުންނެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަކީ ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރުކޮށް ދޭ ހައްގުތަކެއް ކަމަށެވެ.
ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތް ކުރުމެއް ނެތި، ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
"މަގޭ ފުލެޓް ކޮބާ؟"ގެ ނަމުގައި އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަން ފެށީ މިއަދު ހަވީރު 4:15 ގައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީސް ދޮރުމައްޗަށް ޖަމާވަމުން ދަނިކޮށް އޭގެތެރެއިން ބައެއް މީހުން ފުލުހުން ވަނީ ވެހިކަލަށް އަރުވައިގެން އެ ސަރަހައްދުން ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
މުޒާހަރާ ފެށި ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ