ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދި އާއިލާއިން ވަނީ ސިޓީއެއް ހުށައަޅާފައި: ރައީސް އޮފީސް

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދޭން އެދި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ސިޓީއެއް ހުށައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
"ވޮއިސް"ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ޔާމީންގެ ސިއްހީ ހާލަތާ ގުޅިގެން ގެއަށް ބަދަލުކޮށްދިނުމަށް އާއިލާއިން ފޮނުވި ސިޓީއެއް ލިބިފައިވާކަމަށެވެ. އަދި އާންމު އުސޫލުން މިފަދަ ކަންކަމުގައި އަމަލުކުރާގޮތަށް، ޑޮކްޓަރުންގެ ލަފާގެ މަތިން ކަރެކްޝަންސްއިން އަަމަލުކުރާނެކަމަށް ވަނީ މަބްރޫކް ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވަނީ އޮންނަ އުސޫލުގެ ތެރެއިން ރައީސް ޔާމީން ގެއަށް ބަދަލުކުރެވިފައި ނުވަނީ، އެކަމާއި ގުޅޭގޮތުން ހުށައަޅަންޖެހޭ ޑޮކްޓަރުންގެ ލިޔެކިޔުންތައް ލިބިފައި ނެތުމުންކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ހައްދަވަން ޖެހޭ ހިތުގެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ފުރުސަތުވެސް ދެވުނުކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.
އެހެން ނަމަވެސް ރައީސް ޔާމީން ސްޓްރެސް-ފްރީ މާހައުލަކަށް ބަދަލުކޮށްދިނުން އެދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން، އެމަނިކުފާނުގެ އާއިލާއާއި، ޤާނޫނީ ވަކީލުންގެ ފަރާތްޕުޅުން ތަކުރާރުކޮށް އެދިފައިވާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.
އަދި މިކަމަށް ސަރުކާރުން ގަސްދުގައި ބީރު ކަންފަތެއް ދެމުންގެންދާ ކަމަށްވެސް އެފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ