ގެއްލިގެން ހޯދާ މިސްބާހު ހުރީ ޑްރަގް ނެޓްވޯކަކުން ރަހުނުކޮށްފައި

ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގެންދިޔައީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން އަތުލައިގެން ނެޓްވޯކުގައި އިސްކޮށްހުރި އިރުފާން ތަގިއްޔުގެ އެތެރެކުރި ޑްރަގްސްގެ އަގު އަދާކުރާނެ ކަމުގެ "ގެރެންޓާ"ގެ ގޮތުގައިކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިސްބާހް ގެއްލުމާއި ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ 2020 ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގައި ދުބާއީއަށް އޭނާ ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާކަމަށެވެ. އަދި މިސްބާހު ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާއި އެކުކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ، އިރުފާން ތަގިއްޔު ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ.
އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރުގައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ މި ކާރު އަތުލައިގެންފައެވެ. ފުލުހުން މި ކާރު އަތުލައިގެންފައިވަނީ ކަނޑުމަގުން އެތެރެކުރުި މަސްތުވާތަކެތި ލޯންޗެއްގައި މާލެ ގެނެސް އެ ކާރަށް އަރުވައިގެން ދަނިކޮށެވެ. މި ކާރުގެ ޑިކީ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ގޯނިތަކެއް ފުލުހުންވަނީ އަތުލައިގެންފައެވެ.
މިސްބާހު ގޮވައިގެން އިރުފާން ތަގިއްޔު ދުބާއީއަށް ދިޔުމަށްފަހު 2020 ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައިވާކަމަށާއި އެހެންނަމަވެސް، އިރުފާން ތަގިއްޔުއާއެކު މިސްބާހް މުހައްމަދު އައިސްފައެއް ނުވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ،. މިސްބާހް މުހައްމަދު 2020 ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭކަމަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކުން މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވި ބޭރުގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވެއެވެ.
އިރުފާން ތަގިއްޔުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި 2021 ފެބްރުއަރީ 03 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، 2021 ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި އިރުފާން ތަގިއްޔުއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ