ބާ އެސޯސިއޭޝަން ކިޔާ ޖަމިއްޔާއެއް ނުހިންގޭނެ: ސުޕްރީމް ކޯޓު
މޯލްޑިވްސް ބާ އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާ ހަދައިގެން ހިންގުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައި ހޯމް މިނިސްޓްރީ އަށް އަންގާފައި ވާތީ ބާ އެސޯސިއޭޝަންގެ ނަން ބަދަލު ކުރުމަށް ހޯމް މިނިސްޓްރީން މިއަދު އަންގައިފި އެވެ. ހޯމް މިނިސްޓްރީގެ ޖަމިއްޔާތަކާ ބެހޭ ރެޖިސްޓްރާ އިސްހާގު އަހުމަދު ސޮއި ކުރައްވައި ބާ އެސޯސިއޭޝަނަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ ބާ އެސޯސިއޭޝަންގެ ނަމުގައި، އަދުލު އިންސާފު ގާއިމުކުރުމާ ބެހޭ އެއްވެސް ކަމެއް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި، އެކަން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ޖަމިއްޔާގެ ނަން ބަދަލު ކުރުމަށްފަހު އެކަން އެ މިނިސްޓްރީއަށް އެންގުމަށް އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. ސުޕްރީމް ކޯޓުން ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީގެ ކޮޕީ ވެސް "ހަވީރަ"ށް ވަނީ ލިބިފަ އެވެ. މިމަހުގެ ނުވަ ވަނަ ދުވަހު އެ ކޯޓުން ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފޮނުވާފައިވާ އެ ސިޓީގައިވަނީ ރާއްޖޭގައި ވަކީލުންނާ ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ވަކީލުން ރެގިއުލޭޓް ކުރުމުގެ ބާރު ނެތް ފަރާތަކަށް އެ ފުރުސަތު ދިނުމަކީ އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޮޅުންތަކާއި ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އެހެންވެ، ބާ އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް ހަދައިގެން ހިންގުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް މިމަހުގެ އަށް ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. އެ އެންގުމާ ގުޅިގެން ބާ އެސޯސިއޭޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ މިނިސްޓްރީން އެގޮތަށް އެންގި ނަމަވެސް ޖަމްއިއްޔާގެ ނަން ބަދަލު ނުކުރާނެ ކަމަށާއި ޖަމްއިއްޔާ ހިންގުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށެވެ. ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލްކުރި މައްސަލާގައި ކޯޓަށް ފާޑު ވިދާޅުވި ކަމަށް ބުނެ ސަސްޕެންޝަނަކާ ކުރިމަތިވެ ވަޑައިގެންނެވި ސުއޫދު ވިދާޅުވީ ބާ އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާ ނުހިންގޭނެ ކަމަށް އެންގީ ފަނޑިޔާރު އަލީ ހަމީދާ ބެހޭގޮތުން އެ ޖަމިއްޔާ އިން ފާޑު ކިޔުމުން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ