ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިކަށް ގާސިމް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، އަދި ނައިބް މުގައްރިރަކަށް ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ހަމަޖައްސައިފި އެވެ.
ބަޖެޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މިއަދު އެ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރުންނަށް ބޭފުޅުންނަށް ހަމަޖައްސަންދެން އެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ އަމީންއާންމު އަޙްމަދު މުޙައްމަދެވެ.
ބަޖެޓުގެ ކޮމިޓީގެ މުޤައްރިރަކަށް ޤާސިމް އިބްރާހިމް ހަމަޖެއްސުމަށް އެމްޑީޕީގެ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށެޅުއްވުމުން އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ޕީޕީއެމްގެ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރެވެ.
ރިޔާސަތުން މި ހުށަހެޅުމަށް ވޯޓަށް އެހުމުން ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް ޤާސިމް އިބްރާހިމް ހަމަޖެއްސުމަށް ފާސްވީ އެ ވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި 18 މެންބަރުންގެ އިއްތިފާޤުންނެވެ. މިއީ ބަޖެޓް ކޮމިޓީގެ މުޤައްރިރު ކަމަށް ޖެހިޖެހިގެން ޤާސިމް އިބްރާހިމް ހަމަޖެއްސެވި ތިންވަނަ އަހަރެވެ.
ބަޖެޓް ކޮމިޓީގެ ނައިބު މުޤައްރިރަކަށް އެމްޑީޕީގެ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ ހަމަޖެއްސުމަށް އެމްޑީޕީގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ކާނަލް ހުށަހެޅުއްވުމުން އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. މިހުށަހެޅުން ފާސްވީ އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި 18 މެންބަރުންގެ ތެރެއިން 12 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް ޤާސިމް އިބްރާހިމް ހަމަޖެއްސެވުމުން އެމަނިކުފާނު ރިޔާސަތާއި ހަވާލުވެވަޑައިގެން ބަޖެޓް ދިރާސާކުރާނެ ގޮތް ކުރިއަށް ގެންދާނެ އުސޫލެއް ހަމަޖެއްސުމަށް މެންބަރުންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ. އަދި މިދިޔަ އަހަރުވެސް ގެންގުޅުއްވި އުސޫލުތަކަށް ބަލައިގެން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކިހިނެއްވާނެތޯ ޤާސިމް އިބްރާހިމް ދެންނެވުމުން ކޮމިޓީގެ މެންބަރުން ވިދާޅުވީ ބައެއް އިސްލާހުތަކާއިއެކު އެ އުސޫލުތަކުގެ ތެރެއިން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ރަނގަޅުވާނެ ކަމަށެވެ.
ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މެންބަރުން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކުރުމަށް އަންނަ އާދިއްތަ ދުވަހު ބާއްވާ ބަޖެޓް ކޮމިޓީގެ ދެވަނަ ބައްދަލުވުމަށް އެދުވަހުގެ ހެނދުނު 10:00 ޖަހާއިރަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހާޒިރުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ބަޖެޓާއި ގުޅުންހުރި ކަންކަމަށް އޮޑިޓާ ޖެނަރަލް އޮފީސް މެދުވެރިކޮށް ޕްރިފެޝަނަލް އޮޕީނިއަންއެއް ހޯދުމަށް ވެސް ކޮމިޓީގެ މެންބަރުން ވަނީ ނިންމާފައެވެ. ބަޖެޓު ކޮމިޓީގައި މެންބަރުން ދެއްކެވި ވާހަކަފުޅު ތަކަށް ބަލާއިރު، ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓާއި މެދު ގިނަ މެންބަރުން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާކަން ވަނީ ހާމަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ