ޖީއެމްއާރުން ކިތަންމެ ޕްރެޝަރެއް ކުރިޔަސް ސިޔާސީ ޕާޓީތަކުގެ ވިސްނުން ބަދަލެއް ނުވާނެ: އުމަރު
އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ ކިތަންމެ މަތީ ބޭފުޅުންގެ ޓީމަކުން އައިސް ސަރުކާރާ ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ވާހަކަ ދެއްކިޔަސް އެ ޕާޓީތަކުގެ ވިސްނުން ބަދަލުނުވާނެ ކަމަށް އެންމެ ބޮޑު އެއް ޕާޓީ ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އުމަރު އެހެން ވިދާޅުވިއިރު ޖީއެމްއާރުގެ އިސް ވެރިޔާ ޖީއެމް. ރާއޯ އާއި އެ ކުންފުނީގެ ބޯޑުގެ މެމްބަރުންނާއި ވަކީލުންގެ ޓީމެއް މާދަމާ ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އުމަރު ވިދާޅުވީ ޖީއެމްއާރުގެ ޓީމަކާ އެކު ވާހަކަތައް ދެއްކުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ސަރުކާރާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވިސްނުމަކީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުން ކަމަށް އޭނާ ވިދާޅުވި އެވެ. "ޖީއެމްއާރުން ސަރުކާރާ އެކު ވާހަކަ ދައްކައިގެން ކަންކަން ނިންމުން އެއީ އެހެން ކަމެއް. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކެބިނެޓުން ނިންމައިގެނެއް ނޫން. މަޖިލީހަށް އެނގުމެއް ނެތް. މަޖިލީހުން މާލިއްޔަތު ގާނޫނު މެންދުރު 30: 1 ގައި ފާސްކޮށްފައި ހަވީރު 30: 4 ގައި އެއްބަސްވުމުގައި ސޮއިކުރީ. އެއްވެސް ތަނެއްގައެއް ޑިއު ޕްރޮސެސްގެ ތެރެއަކު އެއްބަސްވުންތަކެއްގައި ސޮއެއް ނުކުރާނެ. އެތައް ސުވާލުތަކެއް އެތައް ބަޔަކު އުފައްދާފައި ހުއްޓާ އެ އެއްބަސްވުމުގައި ސޮއިކުރީ. އެހެންވީމާ ޖީއެމްއާރަށް އެނގެން ޖެހޭނެ އެ މީހުން އެ ނެގީ ރިސްކެއް ކަން. އެ ރިސްކު އެ މީހުން ނަގަންވާނެ،" އުމަރު ވިދާޅުވި އެވެ. ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުގެ މައްސަލާގައި ސަރުކާރުގެ ބައެއް އިސް ވެރިންނާއި ޕާޓީތަކުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. އުމަރު ވިދާޅުވީ ޝަރުއީ ނިޒާމުގެ ތެރެއިން ޖީއެމްއާރުގެ މައްސަލަ ހައްލުކުރަން ބައެއް ޕާޓީތަކުން ވާހަކަ ދައްކާއިރު އެއީ އެއާޕޯޓް އަތުލުން ދިގުލައިގެންދާނެ ކަމެއް ކަމަށެވެ. އުމަރަކީ މިވަގުތު ވެސް އެއާޕޯޓް އަތުލަން ތާއީދުކުރައްވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ