ސީއެސްސީއަށް ރީނީ އައްޔަންކުރުން ހުއްޓުވައި ދިނުމަށް ފަހުމީ ވަނީ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައި
ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރީނީ އަބްދުއްސައްތާރު އެ ކޮމިޝަނަށް އައްޔަންކުރުން ސުޕްރީމް ކޯޓުން ހުއްޓުވާފައިވާއިރު، އެކަން ހުއްޓުވައި ދިނުމަށް މިދިޔަ ބުދަ ދުވަހު އިލްތިމާސްކުރެއްވި ކަމަށް މުހައްމަދު ފަހްމީ ހަސަން ވިދާޅުވެއްޖެ އެވެ. އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހްމަތުގައި ސީއެސްސީގެ ރައީސްކަމުން ވަކިކުރި ފަހްމީ އެ މައްސަލަ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒަށް އިލްތިމާސްކުރައްވާފައި ވާއިރު، އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފަހުމީ ސީއެސްސީން ވަކިކުރި ނަމަވެސް މަޖިލީހުގެ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ގޮނޑި ހުސްނުވާ ކަމަށް އޭނާ ގަބޫލްކުރައްވަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ފަހްމީ ގެންދަވަނީ ސީއެސްސީގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ. ފަހްމީ ވިދާޅުވި ގޮތުގައި އޭނާގެ ބަދަލުގައި ކޮމިޝަނަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވާ ރީނީއަށް ހުވާލައިދީ، މަގާމު ހަވާލުކުރެއްވުމަކީ "ގާނޫނު އަސާސީއާ ހިލާފު، ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުން" ކަމަށެވެ. "އެހެންވެ އެކަން އެގޮތަށް ނުކުރެއްވުމަށް އުއްތަމަ ފަނޑިޔާރަށް މިދިޔަ ބުދަ ދުވަހު އިލްތިމާސްކޮށް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވެސް އެ ދުވަހު މިކަން ހުށަހަޅާފައިވާނެ،" ފަހްމީ ފޮނުއްވި އެސްއެމްއެސްއެއްގައިވެ އެވެ. އަންގާރަ ދުވަހު މަޖިލީހުން ރިނީގެ ނަން ފާސްކުރުމަށް ފަހު ސީއެސްސީއަށް އޭނާ އައްޔަންކުރުން ހުއްޓުވުމުގެ އަމުރު ކޯޓުން ނެރުނީ އިއްޔެ އޭނާ ހުވާކުރެއްވުމަށް ހަމަޖައްސާފައި ވަނިކޮށެވެ. އެ އަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ހިޔާލު ތަފާތުވެ ބަޔާންތައް ވަނީ ނެރުއްވައިފަ އެވެ. އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވިގޮތުގައި އެ އަމުރު ނެރުނީ އެ މަނިކުފާނާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަށް އެންގުމަކާ ނުލަ އެވެ. އަދި އެ އަމުރު ނެރުނީ އެފަދަ އަމުރުތައް ނެރުުމުގެ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ ފަހުމީ މަގާމުން ވަކިވެފައިވާ ކަމަށް މަޖިލީހުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައި ވަނިކޮށް އެ ހުކުމާ ޚިލާފަށް އެ މަގާމަށް މީހަކު އައްޔަންކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމަކަށް ވާނެތީ އެކަން ހިނގުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް ބައެއް ފަނޑިޔާރުން އުއްތަމަ ފަނޑިޔާރަށް ދެންނެވި ކަމަށެވެ. ނަމަވެސް "އެފަދަ ޖަލްސާއެއް ބާއްވައިދިނުމަށް އުއްތަމަ ފަނޑިޔާރު ކަނޑައެޅިގެން އިންކާރުކުރައްވާފައި" ވާ ކަމަށް ބަޔާނުގައިވެ އެވެ. ރީނީ ހުވާކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓު ން އަމުރު ނެރުނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީގެ އަޣުލަބިއްޔަތުންނެވެ. މީގެ ތެރެެއިން އިންތިގާލީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ސައީދު ވަނީ އުއްތަމަ ފަނޑިޔާރަށް ފާޑުވިދާޅުވެ ރާއްޖެ ޓީވީ އަށް ރޭ އިންޓަވިއުއެއް ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ