ޕޮޕޯފް އުންމީދުކުރަނީ ރީތި މެޗަކަށް

ދިރާގު ދިވެހި ލީގުގައި މާދަމާ ބައްދަލުކުރާ ނިއު ރޭޑިއަންޓާއި ވެލެންސިއާ އަކީ ވެސް އެޓޭކިން ފުޓްބޯޅައެއް ކުޅޭ ދެ ޓީމު ކަމަށާއި ދެ ޓީމުގެ ކުރިމަތިލުމަކީ ވަރަށް ރީތި މެޗަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ނިއުގެ ކޯޗު ވެލީޒާ ޕޮޕޯފް ބުނެފި އެވެ. "ހަމަ ގައިމު ވެސް މިއީ ސަޕޯޓަރުން ވަރަށް ބަލާހިތްވާ މެޗަކަށް ވާނެ. އެއީ މި ދެ ޓީމަކީ ވެސް އެޓޭކިން ފުޓްބޯޅައެއް ކުޅޭ ދެ ޓީމަށް ވާތީ،" މެޗުގެ ކުރިން ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕޮޕޯފް ބުންޏެވެ. "ވެލެންސިއާގެ އެޓޭކިން މިޑްފީލްޑަރުންނަށް ތިބީ ވަރަށް ހަލުވި ކުޅުންތެރިންތަކެއް. އުންމީދުކުރަނީ ވަރަށް ރީތި މެޗެއް ފެންނާނެ ކަމަށް." ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ނިއު ވަނީ މޮޅުވެފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި ވީބީ އައްޑޫ އެފްސީ އަތުން 10-1 އިިން މޮޅުވި ނަމަވެސް، ލީގުގައި ނިއު އެންމެ ފަހުން ކުޅުނު މެޗުގައި ބީޖީ ސްޕޯޓްސް އަތުން މޮޅުވީ 1-0 އިންނެވެ. ޕޮޕޯފް ބުނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބީޖީގެ ފަރާތުން ފެނުނު ޑިފެންސިވް ގޭމްގެ ސަބަބުން ނިއު އަށް އުނދަގޫވިޔަސް، އެއީ ނިއު އަށް ބޭނުންވެފައި އޮތް ކަހަލަ މެޗެއް ކަމަށެވެ. "އެ މެޗުގައި ބީޖީން ވަރަށް ޑިފެންސިވް ގޭމެއް ކުޅުނީ. އެކަމަކު އެއީ އަހަރެމެންނަށް ބޭނުންވެފައި އޮތް ކަހަލަ މެޗެއް. އެއީ ލީގުގެ ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ޓީމުތަކުން ނިއުއާ ދެކޮޅަށް ޑިފެންސިވް ގޭމެއް ކުޅެފާނެތީ. މި ކަހަލަ މެޗެއް ވެސް ތަޖުރިބާކުރަން ޖެހޭ،" ޕޮޕޯފް ބުންޏެވެ. ޕޮޕޯފް ބުނީ ކައިރިކައިރީގައި ދިވެހި ލީގާއި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެންޖެހުމުން ކުޅުންތެރިންނަށް ވަރުބަލިކަމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެކަމަކު ހުރިހާ ކުޅުންތެރިން ވެސް މެޗަށް ފިޓުވާނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ވެސް ބުންޏެވެ. ނިއުގެ ކުރީގެ ކުޅުންތެރިއާ ބޮއިކޯ ކަމެނޯފްގެ އިރުޝާދުގެ ދަށުން ކުޅޭ ވެލެންސިއާ ވެސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ޕޮޕޯފް ބުނީ ލީގު ހޯދަން ނިއު އިން ކުރާ މަސައްކަތުގައި އެ ޓީމާ އެންމެ ވާދަކުރާނީ ވެލެންސިއާ ކަމަށެވެ. "ވެލެންސިއާ އަކީ ލީގު ޗެމްޕިއަންކަމަށް އަހަރެމެންނާ އެންމެ ބޮޑަށް ވާދަކުރާނެ ޓީމު. ވެލެންސިއާގެ ސްކޮޑް ވަރަށް ރަނގަޅު. އެ ޓީމުގައި އެތިބި ބިދޭސީ ތިން ކުޅުންތެރިންނަކީ ލީގުގައި މިހާރު ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިންނޭ ބުނެދިވާނެ. ވެލެންސިއާއާމެދު ނިއު އިން ވިސްނަންޖެހޭނެ،" ޕޮޕޯފް ބުންޏެވެ. ބޮއިކޯ ބުނީ ނިއު މެޗު ވެގެންދާނީ ވެލެންސިއާ އަށް ލީގުގައި ކުރިމަތިވާ އެންމެ ބޮޑު އިމްތިހާނަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ