މަންމައަށް ސިއްރުން އެހެން ރަށަކަށް ގެންދިޔަ ކުއްޖާ މަންމައާ ހަވާލުކުރަން ހައި ކޯޓުން ވެސް އަންގައިފި

ފިހާރައަކަށް ގޮސްފައި އަންނާނެ ކަމަށް ބުނެ މަންމަ އަށް ސިއްރުން އެހެން ރަށަކަށް ބައްޕަ ގެންދިޔަ ފަސް އަހަރުގެ ކުއްޖަކު އެ ކުއްޖާގެ މަންމައާ ހަވާލުކުރަން ނެރުނު އަމުރަށް ތާއީދުކޮށް، ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ. ހދ. ކުޅުދުއްފުށީގައި މަންމައާ އެކު އުޅެމުން ދިޔަ ފަސް އަހަރުގެ އެ އަންހެން ކުއްޖާ ހއ. ފިއްލަދު އަށް އެ ކުއްޖާގެ ބައްޕަ ގެންދިޔައީ އެ ކުއްޖާ ގޮވައިގެން ފިހާރައަކަށް ގޮސްފައި އަންނާނެ ކަމަށް ބުނެ ފިލައިގެން ގޮހެވެ. އެ ކުއްޖާގެ މަންމަ އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ކުޅުދުއްފުށީ ކޯޓުން މިދިޔަ މަހުގެ 17 ވަނަ ދުވަހު އަމުރުކުރީ އެ ކުއްޖާގެ މަންމަ ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ ކުއްޖާ އެ ކުއްޖާގެ މަންމައާ ހަވާލުކުރުމަށެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް ވެސް އެ އަމުރުގައި ފުލުހުންނަށް އަންގާފައިވެ އެވެ. އެ މައްސަލަ އެ ކުއްޖާގެ ބައްޕަގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ހުކުމްކުރީ ދަށު ކޯޓުގެ ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ ފަސް އަހަރުގެ އަންހެން ކުއްޖަކު އެ ކުއްޖާގެ މަންމައާ ވަކިކޮށްފައި ބެހެއްޓުމަކީ އެ ދެ މައިންގެ ހައްގަށް ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ބެލެވޭނަމަ އެ މައްސަލަ ބަލައި ނިމެންދެން ކުއްޖާ މަންމައާ ހަވާލުކުރަން އަމުރު ނެރެވިދާނެ ކަމަށެވެ. ދަށު ކޯޓުން އަމުރު ނެރެފައިވަނީ އެ ކުއްޖާގެ ބައްޕަގެ ޣައިރު ހާޒިރުގައި ކަމަށްވާތީ އެ އަމުރަށް ޖަވާބުދާރީވުމުގެ ފުރުސަތު ބައްޕަ އަށް ނުލިބޭ ކަމަށް އޭނާގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ހުކުމުގައިވަނީ ލިބިފައިވާ ވަގުތާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި، އަމުރު ރައްދުވާ ފަރާތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ވެސް ވަގުތީ އަމުރު ނެރެވިދާނެ ކަމަށާއި އެގޮތަށް ހައި ކޯޓުން ކުރިން ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމައި، ދަށު ކޯޓުގެ އަމުރު ދެމެހެއްޓީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޔޫސުފް ހުސައިންގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. މަންމަ އަށް ސިއްރުން ބައްޕަ ގެންދިޔަ ފަސް މަހުގެ ތުއްތު ކުއްޖަކު ވެސް އެ ކުއްޖާގެ މަންމައާ ހަވާލުކުރަން ދަށު ކޯޓުން ނެރުނު އަމުރަކަށް ހައި ކޯޓުން މިދިޔަ މަހު ވަނީ ތާއީދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ