ސީއެސްސީ އަށް މީހަކު އައްޔަންކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން މުހަންމަދު ފަހުމީ ހަސަން ވަކިކޮށްފައި ވާތީ އޭނާގެ ބަދަލުގައި ފާތުމަތު ރީނީ އަބްދުއްސައްތާރު އައްޔަންކުރަން ނިންމާފައިވާއިރު އެ މަގާމަށް މީހަކު އައްޔަންކުރުން ސުޕްރީމް ކޯޓުން މިއަދު ހުއްޓުވައިފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުނު އަމުރަކާ އެކު، ސީއެސްސީ އަށް މެމްބަރަކު އައްޔަން ކުރުން ހުއްޓުވީ ރީނީ އަށް މަގާމުގެ ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތު މެންދުރު 2:30 ގައި ބާއްވަން ނިންމައި އެ ރަސްމިއްޔާތަށް ރީނީ ވެސް ވަޑައިގެންނެވި ފަހުން ކަމަށް އެނގިފައިވެ އެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ސީއެސްސީގެ މެމްބަރުކަމުން ފަހުމީ ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްކަނޑައަޅާފައި ވަނިކޮށް، "ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ މަގާމު ހުސްވުމުގެ ކުރިން އެ ގައިޑްލައިންތަކާ ހިލާފަށް މަގާމަށް މީހަކު އައްޔަން ކުރުމަށްޓަކައި ހުވާލައި ދިނުމާއި އައްޔަން ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރު ކޮށްފީމެވެ،" މިހެންނެވެ. ފަހުމީގެ ބަދަލުގައި ރީނީ އައްޔަން ކުރުމާ ގުޅޭ ގޮތުން ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ވެސް އިއްޔެ ގާނޫނީ ލަފާ ދެއްވި އެވެ. އޭނާ މައިގަނޑު ގޮތެއްގައި ވިދާޅުވީ ސީއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު އައްޔަންކުރުން ނުވަތަ ވަކިކުރުން ފިޔަވައި އިތުރު ގާނޫނީ ޒިންމާއެއް ރައީސުލްޖުމްހޫރިއްޔާ އަށް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ