ނައިފަރާއި ނޮޅިވަރަމް ދާއިރާގެ އިންތިޚާބުގެ ޝަރީއަތް މާދަމާ ފަށަނީ
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ އާއި ނޮޅިވަރަމް ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ. ނައިފަރު ދާއިރާގެ މައްސަލަ ހުށަހެޅީ ޖުމްހޫރީ ޕާޓީންނެވެ. ނޮޅިވަރަމް ދާއިރާގެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާ އަށް ވާދަކުރެއްވި އަލީ އާރިފެވެ. އެ މައްސަލަ މާދަމާ ބާއްވާއިރު ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް، އެ ދާއިރާ އަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ރަޝީދު(ހިޔަލީ) ހުށަހެޅުއްވި މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު މެންދުރު 2:00 ގައި ހައި ކޯޓުގައި ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. މިހާތަނަށް ހަތް ދާއިރާއެއްގެ މައްސަލަ ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކެއްގެ ޝަރީއަތް އެ ކޯޓުން މިހާރު ވަނީ ފަށައިފަ އެވެ. ނައިފަރު ދާއިރާ އާއި ނޮޅިވަރަމް ދާއިރާގެ އިތުރުން ހައި ކޯޓުގައި މިހާރު އޮތީ ފެލިދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާގެ އިތުރުން ތިމަރަފުށީ ދާއިރާ އަދި ފުނަދޫ ދާއިރާ އާއި ކުރެންދޫ ދާއިރާގެ މައްސަލަ އެވެ. އިންތިޚާބާ ބެހޭ ގާނޫނުގައިވާ ގޮތުން، އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ ބާރު އޮންނަނީ ހައި ކޯޓަށެވެ. އެއީ ދާއިމީ ނަތީޖާ އިއުލާން ކުރާތާ 30 ދުވަހުގެ ބަލައި، ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ