ލ. ގަމުގެ ބޮޑު މަގު ހެދޭތީ ރައްޔިތުން ތިބީ ހިތްހަމަޖެހިފައި: ކައުންސިލް

ޗައިނާ ސަރުކާރުގެ އެހީގައި ހަދަން ފަށާފައިވާ ލ. ގަމާއި އެހެން ބައެއް ރަށްރަށް ގުޅޭ ބޮޑު މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތާ އެކު ރައްޔިތުން މިހާރު ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ލ. އަތޮޅު ކައުންސިލުން އިއްޔެ ބުނެފި އެވެ. ލ. އަތޮޅުގެ ވެރިރަށް ފޮނަދު އާއި ކައްދޫ އެއާޕޯޓާއި މަސްފެކްޓަރީ ހުންނަ މާންދޫ އަދި ރާއްޖޭގެ އެންމެ ބޮޑު ރަށް ކަމަށްވާ ގަމާ ގުޅިފައިވާ 17.2 ކިލޯމީޓަރުގެ މި މަގު ހަދަން ޗައިނާ އިން ގާތްގަނޑަކަށް 27 މިލިއަން ޑޮލަރު ހޭދަކުރެ އެވެ. އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވި ގޮތުގައި ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޮޓޭޝަން އިންޖިނިއަރިން ގްރޫޕުން ކުރިއަށް ގެންދާ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަމަޖައްސާފަ އެވެ. އޭނާ ވިދާޅުވީ "މިއީ އަތޮޅަށް ތަރައްގީ ލިބިގެންދާނެ" މަޝްރޫއުއެއް ކަމަށެވެ. ލ. އަތޮޅުގެ ބޮޑު މަގުގައި ތާރު އަޅާފައިވާ ސަރަހައްދެއް: މި މަގުގެ ދިގު މިނަކީ 17 ކިލޯމީޓަރު .--ފޮޓޯ: ލ. އަތޮޅު ކައުންސިލް "ވަރަށް ގިނަ މީހުން ދަތުރުކޮށް އުޅޭ މަގެއް އެއީ،" އާމިރު ވިދާޅުވި އެވެ. މިއީ ކުރިން ވެސް ރާއްޖޭގައި މަޝްހޫރު މަގެކެވެ. އެކަމަކު ސަރުކާރުން ޗައިނާއާ ހަވާލުކޮށްގެން އެ މަގު ތަރައްގީކުރަނީ ޒަމާނީ ފެންވަރަށް އަދި ތާރު އަޅައިގެންނެވެ. މަގު ވަނީ ކުރިއަށް ވުރެ ފުޅާ ވެސް ކޮށްފަ އެވެ. އަދި ދެ ފަރާތުން އެއްޗެހި ދުއްވޭ ގޮތަށް ބައިކޮށް، މެދުގައި ގަސް އިންދާނެ ޖާގަ ވެސް ލާފައިވެ އެވެ. އެހެންކަމުން މި މަގު ވާނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ރީތި މަގަށް ކަމަށް، ލ. އަތޮޅުގެ ބައެއް މީހުން ބުނެ އެވެ. މަގުގައި ތާރު އެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ ފޮނަދޫއާ ގުޅޭ ހިސާބުންނެވެ. އެކަމަކު މަގު ނިމޭ ކޮޅު ކަމަށްވާ ގަމު ތުނޑިއާ ހަމައަށް މިހާރު ވަނީ ލެވެލްކޮށްފަ އެވެ. އެހެންކަމުން ތާރު އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ. "މިވަރުގެ ޕްރޮޖެކްޓަކާ އަޅާބަލާފައި މަސައްކަތް ވަރަށް ބާރަށް ކުރިއަށްދަނީ. އެއްވެސް މަޑުޖެހުމެއް ނެތި މަސައްކަތް އެބަ ކުރޭ،" އާމިރު ވިދާޅުވި އެވެ. ބޮޑު މަގުގެ ތަރައްގީ ފެންނަން ފަށާފައިވާ އިރު އަތޮޅު ކައުންސިލުން ރާވާފައި ވަނީ އެކްސިޑެންޓްތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގާށެވެ. އައްޑު އަތޮޅު ލިންކް ރޯޑުގައި އެކްސިޑެންޓް ހިނގާ ވަރަށް ނުހިނގި ނަމަވެސް މީގެ ކުރިން ގަމު ބޮޑު މަގުގައި ވެސް މީހުންގެ ފުރާނަ ދިޔަ ބައެއް އެކްސިޑެންޓްތައް ކުރިމަތިވި އެވެ. "މި މަގުގައި ވަރަށް ގިނައިން އެކްސިޑެންޓުތައް ދިމާވޭ. އެހެންވެގެން މަގު ހެދުމުގެ މަސައްކަތް ނިމުމުގެ ކުރިން އަޅުގަނޑުމެން އެބަ ބަލަން މަގުމަތީގެ އެކްސިޑެންޓުތަކަށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަން،'' އާމިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ