ސުޕްރީމް ކޯޓުގެ ހުކުމާ މެދު އިންޑިއާ އިން ވެސް ކަންބޮޑުވުން ފާޅުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒު މަގާމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ މެދު އިންޑިއާ އިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަން ރައްކާތެރިކޮށް، ވަރުގަދަކުމަށް މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ދިވެހިންގެ ޑިމޮކްރެޓިކް ޝުއޫރުތަކާ އެއްގޮތްވާ ގޮތަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށް ވެސް އުއްމީދުކުރާ ކަމަށް ބުންޏެވެ. "ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް، މާޗު 22 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ކިޔަމެވެ،" ބަޔާނުގައިވެ އެވެ. ގާނޫނު އަސާސީ އާއި ގާނޫނުގެ ހުކުމަށް ރާއްޖޭގެ ހުރިހާ މުއައްސަސާއަކުންނާއި ސިޔާސީ ފަރާތްތަކުން އިހުތިރާމް ކުރުމަށް، "ގާތް އެކުވެރިއެއްގެ ގޮތުން" އިންޑިއާ އިން ވަނީ ގޮވާލާފަ އެވެ. އަދި އެ ގައުމުން ބުނީ ރާއްޖޭގެ ޑިމޮކްރެސީ އާއި ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް އިންޑިއާ އިން އަބަދުވެސް އެހީތެރި ވެދޭނެ ކަމަށެވެ. އިންޑިއާއާ އެކު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާ އަދި ކެނެޑާގެ އިތުރުން އދ. އިން ވެސް ސުޕްރީމް ކޯޓުގެ ހުކުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ހުކުމަށް އެންމެ ހަރުކަށި އިބާރާތުން ފާޑުކިޔާފައިވާ އެމެރިކާ އިން އެ ހުކުމް ސިފަކޮށްފައިވަނީ މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގައި ފެނިފައި ނުވާ ފަދަ މިންވަރަކަށް ޝަރުއީ ނިޒާމުގެ ނުފޫޒު ގަދަކުރުމަށް ކޮށްފައިވާ ހުކުމެއްގެ ގޮތުގަ އެވެ. ބޭރުގެ ފަރާތްތަކުގެ އެ ކަންބޮޑުވުންތަކަށް ސަރުކާރާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން، ސަރުކާރުން ބުނެފައިވަނީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ބޭރުގެ ފަރާތްތަކުން ފާޑުކިޔުމުން ގާނޫނުއަސާސީގެ ބާރު ކެނޑޭނެ ކަމަށެވެ. އަދި އެފަދަ އަމަލުތައް އުއްތަމަ ފަނޑިޔާރު ސިފަކުރައްވާފައިވަނީ "މުސްތަގިއްލު ދައުލަތެއްގެ ދުސްތޫރާ ތޮޅުމުގެ" ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ