ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ޓިކެޓު ފަތުހީ އަށް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ޓިކެޓް މޫސާ ފަތުހީ ކަށަވަރު ކުރައްވައިފި އެވެ.
އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
ފަތުހީ އަށް ޕީޕީއެމްގެ ޓިކެޓު ލިބުނީ އެ ދާއިރާ އަށް އެ ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި އޭނާ އެކަނި ކުރިމަތިލުމުންނެވެ. ފަތުހީ ވަނީ މީގެކުރިން ހޯމް މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމު އަދާކުރައްވާފަ އެވެ.
މި އިންތިހާބުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ނެރުމަށް ހަމަޖެހިފައިވެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ