ރާޝިދުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫއަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ކޮމަންޑުއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
އިންތިޙާބުގައި ޖޭޕީން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފައިވާއިރު، އިލެކްޝަންގައި ވާދަނުކުރަން ނިންމީ އެދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދާއި އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް އެޕާޓީން މީގެކުރިން ބުނެފައިވެއެވެ.
ޕާޓީގެ އިސްތަރުޖަމާނު އަލީ ސާލިހް ވަނީ މިކަން "ވީނިއުސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދުހޯއްދެވުމަށް އަންގާރަ ދުވަހު ގާސިމް އިބްރާހީމް އެ ދާއިރާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ގާސިމްގެ މިދަތުރުފުޅާ ބެހޭ އިތުރު ތަފްސީލް ފަހުން ނޫސްވެރިންނާ ހިއްސާކުރައްވާނެ ކަމަށް އަލީ ސާލިހް ވިދާޅުވިއެވެ.
ރާޝިދުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މީގެކުރިން އެ ދާއިރާގެ ރަށްރަށަށް ވަޑައިގެންފައެވެ. އަދި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރާޝިދުގެ ކެމްޕެއިނަށް ފޯކައިދުއަށް ވަޑައިގެންފައެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމަށް ނިންމާފައިވަނީ ޖޭޕީން އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ