އަޅުގަނޑަށް ބަންދުގެ ހުރިހާ ގޮތެއްވެސް ވަނީ ތަޖުރިބާކުރެވިފައި: ރައީސް މައުމޫން

މީހަކު ބަންދުގައި ހުރުމުގެ ހުރިހާ ގޮތެއްވެސް އެމަނިކުފާނަށް ތަޖުރިބާކުރެއްވިފައިކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ރިފޯމް މޫވްމެންޓަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ވާޗުއަލް ޖަލްސާގައި އެޕާޓީގެ އިންތިގާލީ ރައީސްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވިގޮތުގައި ޖަލު ބަންދަކީ އެމަނިކުފާނަށް އާ ކަމެެއް ނޫނެވެ. އެގޮތުން ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ދައުރުގައި ބަންދުގެ ހުރިހާ ގޮތެއްވެސް ތަޖުރިބާކުރެވުނުކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެކަމުގެ ތަފްސީލްތައް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ގޭގައި ބަންދުކުރެވުނުކަމަށާއި އަދި ޖަލުގައި 55 ދުވަސް ވަންދެން ކުޑަގޮޅީގައި ބަންދުގައި ބޭއްވި ކަމަށެވެ.
އެއަށްފަހު ޝަރީއަތްކޮށް ހަތަރު އަހަރު ދުވަހަށް މަކުނުދޫއަށް އަރުވާލެވުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން މި ވާހަކަތައް ދެއްކެވީ ކުރީގެ ރައީސް ޔާމީންގެ ދައުރުގެ ފަހުކޮޅުގައި އެމަނިކުފާނު ޖަލުގައި ހުންނެވިއިރު ހިތްވަރުގަދަކަން ދެއްކެވި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވުމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަލުގައި އޮންނެވިއިރު، ސަރުކާރުގެ މިނިސްޓަރުން ޖަލަށް ވަޑައިގެން އުމުރުފުޅާއި ސިއްހީ ހާލުކޮޅުގެ ވާހަކަ ދައްކަވައި ޖަލުން ސަލާމަތް ހޯދަން އެދިވަޑައިގެންނެވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު އިތުރަށް ވަނީ ކުރިން ދެކުނު އަނިޔާވެރި ދުވަސްތަކަކަށް އެނބުރިދާން ބޭނުން ނުވާ ކަމަށާއި، ކުރިން ލިބުނު ނިކަމެތި ގޮތްތަކެއް ވާކަށް އެދިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ފޮޓޯ: ސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ