އިސްލާމިކް އިންޝޫރެންސް ނިޒާމެއް ގާއިމް ކުރަން ކެންދޫ ދާއިރާގެ މެންބަރު ގޮވާލައްވައިފި

ރާއްޖޭގައި އިސްލާމިކް އިންޝޫރެންސް ނިޒާމެއް ގާއިމް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު،އަލީ ހުސޭން ގޮވާލައްވައިފި އެވެ.
އިއްޔެ އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި އިންޝޫރެންސް އާއި ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ދިވެހިރާއްޖެ ކަހަލަ ގައުމެއްގައި ކޮންވެންޝަލް އިންޝޫރެންސަށް ވުރެ އިސްލާމިކް އިންޝޫރެންސް މާ ރަނގަޅުވާނެ ކަމަށާއި، ރާއްޖެއަށް އިސްލާމިކް ބޭންކިންގ ގެނައި ގޮތަށް އިސްލާމިކް އިންޝޫރެންސްގެ ނިޒާމެއް ރާއްޖޭގައި ތައާރަފުކުރަންޖެހޭ ކަމަށެވެ.
އަލީ ވިދާޅުވީ ރާއްޖޭގައި ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ރާއްޖޭގައި މި ހިނގަނީ ކޮންވެންޝަނަލް އިންޝޫރެންސްކަން އެނގިގެންދާ ކަމަށެވެ. އަދި ކޮންވެންޝަނަލް އިންޝުއަރެންސްގައި ހުރި ގޮންޖެހުންތައް، ނުވަތަ ހަމަނުޖެހޭ ކަންތައްތައް ވެސް އޭގެ ޒާތުގައި ވަރަށް ބޮޑަށް ހިނގަމުންދާ ތަން ފެންނަމުންދާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން އަލީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އުޅުއްވާ މެންބަރަކާއި ވާހަކަ ދައްކާލުމުން ގާތްގަނޑަކަށް ހަތަރު މިލިއަން، ފަސް މިލިއަނެއްހާ ރުފިޔާ ޕްރީމިއަމް ގޮތުގައި އަހަރު އިންޝޫރެންސްއަށް ދައްކާކަމުގައެވެ.
އެހެންކަމުން މިހާރުއޮތް އިންޝުއަރެންސް ނިޒާމު ހިނގާ ގޮތުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރައްވައި ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ ގައުމަކަށް ވެފައި، ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީއިރު، އިންޝުއަރެންސްގެ ވާހަކަ ދައްކާއިރުގައި އިސްލާމިކް އިންޝުއަރެންސްގެ ނިޒާމެއް
ރާއްޖެއަށް ގެނައުމަށް ސީރިއަސްކޮށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެެވެ.
މިސާލެއްގެ ގޮތުން އިންޑޮނޭޝިއާ ފާހަގަ ކުރަށްވަމުން އޭނާ ވިދާޅުވީ އިސްލާމިކް އިންޝޫރެންސަކީ އެތަނުގައި ވަރަށް ބޮޑަށް، ވަރަށް ފުޅާކޮށް ކުރިއަރަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ