ޢިއްޒުއްދީން ސްކޫލް - ތަޢުލީމީ ދާއިރާއިން ދެކޭ ޚާއްސަ ހުވަފެނެއް

ރާއްޖޭގައި ޒަމާނުއްސުރެއް ތަޢުލީމީ ދާއިރާ ބައްޓަންވެފައިއޮތީ ހެނދުނުން ފެށިގެން އިރުއުއްސެންދެން ކިޔަވައިދިނުމުގައި އުޅެން ޖެހިފައިވާފަދަ ވައްޓަފާޅިއަކަށެވެ. މީގެ ސަބަބުން ދަތިތަކަކާއި ގޮންޖެހުންތަކެއް ތަޢުލީމީ ދާއިރާއަށްވަނީ ކުރިމަތިވެފައެވެ.
ދެދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ޤާބިލު މުދައްރިސުން ލިބުންވީ ކުރިމަތީގައިއޮތް ބޮޑު ދައްޗަކަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުން މުދައްރިސުން ގެނެސްގެން ރާއްޖޭގައި ދެ ސެޝަނަށް ކިޔަވައިދޭތާ އެތައް އަހަރެއްވަނީ ވެފައެވެ. ޢިއްޒުއްދީން ސްކޫލަކީ މިމައްސަލަތަކަށް ޙައްލުގެނައުމަށް ސަރުކާރުން އެޅުއްވި ފުރަތަމަ ފިޔަވަޅެވެ.
ދެދަންފަޅިއަށް ކިޔަވައިދިނުމަށް ރާއްޖޭގައި ގެންގުޅޭ މޮޑެލަކީ ކިޔަވައިދިނުމުގައި އެންމެ ރަނގަޅު ނުވަތަ އިފެކްޓިވް ޓީޗިން ޓެކްނީކް ނޫންކަމަށް މިދާއިރާގައި ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. ކަންމިހެން އޮތްއިރު ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ވޭތުވެދިޔަ ސަރުކާރުތަކުންވެސް ވަނީ މަސައްކަތްކުރައްވާފައެވެ.
މިކަން އެންމެ އެދެވޭ ގޮތެއްގައި ކުރެވޭގޮތެއް ނުވެއެވެ. މިކަމާ ދެކޮޅަށް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ނިކުންނެވީ ދިރާސާއާއި ތަޖުރިބާގެ ބޭނުން ހިއްޕަވައިގެންނެވެ. އެގޮތުން މިކަމާ ގުޅޭ ބައެއް ދިރާސާތަކާއި އެންމެ އެދެވޭނެ ގޮތެއްގައި މިކަން ކުރެވޭނެ ގޮތްތައް ބައްލަވައި ޚާއްސަ މޮޑެލެއް ތައްޔާރުކޮށް ސަރުކާރުން މިކަން ރަސްމީކޮށް ފެށްޓެވީ މިދިޔަ އަހަރުގެ ދިރާސީ އާއަހަރާއެކު ހުޅުވުނު އިއްޒުއްދީން ސްކޫލުންނެވެ. މިސްކޫލާ އެހެން ސްކޫލްތަކާ އޮތް އެންމެ ބޮޑު އެއް ތަފާތެއްކަމަށް ސްކޫލުން ދެކެނީ ގޭގައި ކުރާ މަސައްކަތް ދަރިވަރުންނާ ޙަވާލުނުކޮށް ކުރިއަށްގެންދާ ފުރަތަމަ ސްކޫލްގެ ގޮތުގައި ވާތީއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12ވަނަ ދުވަހު ހުޅުވި ޢިއްޒުއްދީން ސްކޫލަކީ ވަށައިޖެހޭ ތަޢުލީމު ފޯރުކޮށްދިނުމަށް ރާއްޖޭގައި ހުޅުވި ފުރަތަމަ މޮޑެލް ސްކޫލެވެ. މިސްކޫލް ހުޅުވިތާ އަހަރެއްވީއިރު ސްކޫލަށް ގޮސްގެން ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ލިބުނީ ގާތްގަނޑަކަށް ދެމަހުގައެވެ. ކޯވިޑް-19އާއެކު ސްކޫލަށް ގޮސްގެން ކިޔެވުން ހުއްޓުނުނަމަވެސް ޓެލިކިލާސްމެދުވެރިކޮށް އެސްކޫލުންވަނީ ކިޔެވުން ކުރިއަށްގެންގޮސްފައެވެ.
އިއްޒުންދީން ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށް ހުރި ވަޞީލަތްތައް އެންމެ އެކަށޭނަ ގޮތުގައި ބޭނުންކޮށްގެން މުޖުތަމަޢަށް ނުކުންނަން ކުދިން ތައްޔާރުކުރާ ނަމޫނާ ސްކޫލަށް އަހަރެއްވުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށްދެއްވި އިންޓަރވިއުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ޢިއްޒުއްދީން ސްކޫލަކީ ރާއްޖޭގެ މުޅި ތަޢުލީމީ ނިޒާމުން ދެކެމުން އަންނަ ހުވަފެނެއްކަމަށެވެ. އަދި އިންޤިލާބީ ބަދަލަކާ ދިމާލަށް މިސްތާބުޖަހާފައިވާ މިދާއިރާއަށް ލިބިގެން ދިޔަ އުއްމީދެއްގެ ގޮތުގައި މިނިސްޓަރވަނީ މިސްކޫލް ފާހަގަކުރައްވާފައެވެ.
ޢިއްޒުއްދީން ސްކޫލަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް އިސްމާޢިލް ނަސީރު ވިދާޅުވީ ސްކޫލުގެ ކިޔެވުން ފެށިތާ މާގިނަ ދުވަހެއް ނުވެ ކުރިމަތިވި ކޯވިޑް-19ގެ ޙާލަތަކީ ސްކޫލަށް ކުރިމަތިވީ ބޮޑު ގޮންޖެހުމެއްކަމަށެވެ. ސްކޫލްގެ ހަގުކަމާއެކުވެސް ސްކޫލުން އެދަނޑިވަޅުގައިވެސް ކިޔަވައިދިނުމަށް ކުރިއަށްގެންދެވުނު ވަރުގަދަ މަސައްކަތުގައި ބައިވެރިވިކަން ޕްރިންސިޕަލްވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފުރަބަންދުގެ ޙާލަތުގައިވެސް ކިޔަވައިދިނުމަށް ކުރިއަށް ގެންދެވުނު ޓެލިކިލާސްތަކުގައި ޢިއްޒުއްދީން ސްކޫލްގެ ބައިވެރިވުން އޮތުމަކީ ސްކޫލާމެދު ފަޚުރުވެރިވާކަމެއްކަމުގައި ޕްރިންސިޕަލް އިސްމާޢިލް ނަސީރު ފާހަގަކުރެއްވިއެވެ.
ސްކޫލަށް އަހަރުފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ސްކޫލްގެ ޚާއްސަ ޕޭޕަރލެސް ފޮތް ނެރެދެއްވާފައެވެ. އަދި ސްކޫލްގައި އަލަށް ހުޅުވި ރީޑިންގ ކޯނާވެސް މިނިސްޓަރވަނީ ހުޅުއްވައިދެއްވާފައެވެ.
އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ އާ މޮޑެލްއާ އެއްގޮތަށް ޢިއްޒުއްދީން ސްކޫލް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 12ވަނަ ދުވަހު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ގުރޭޑު 1އިން 10އާ ހަމައަށް ކިޔަވައިދޭގޮތަށް ނިންމާފައިވީނަމަވެސް މިސްކޫލު ފުރަތަމަ ފެށީ ގުރޭޑު 1 އަކުން ފެށިގެން 6އާ ހަމައަށެވެ. ސްކޫލް ފެށީ 224 ދަރިވަރުންނާއެކުއެވެ. ސްކޫލްގައި އިދާރީ މުވައްޒަފުންނާއި މުދައްރިސުން ހިމެނޭހެން 48 މުވައްޒަފުން މަސައްކަތްކުރަމުން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ