ދައުލަތުގެ ފަރާތުން ހުށަހަޅަންޖެހޭ މުހިއްމު ލިޔުމެއް ހުށަނޭޅުމުން ކޯޓުން ބޭރުކޮށްލި ޖިންސީ ގޯނާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އަނިޔާ ލިބުނު މީހާއަކީ ގާނޫނުގައި ބުނާފަދައިން ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުވާފަދަ ލިޔުމެއް ސަރުކާރުގެ ފަރާތަުން ހުށަހަޅާފައިނުވާތީ ކަމަށް ވެއެވެ.
އަދި މި މައްސަލަ ހައިކޯޓުން އިސްތިއުނާފުކުރުމުން އެ ކޯޓުންވެސް ކުރި ހުކުމުގައިވަނީ އެމީހާއަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުވާފަދަ ލިޔުމެއް ދައުލަތުގެ ފަރާތުން ހުށަހަޅަންޖެހޭނެ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ޕްރޮސްކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ މި މައްސަލަ ހައިކޯޓުން ނިންމި ގޮތާމެދު ހިތްހަމަ ނުޖެހޭތީ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.
ދައުލަތުން ހުށަހެޅި ލިޔުމާބެހޭ ސުވާލެއް އަދި ދެބަސްވުމެއް އޮތް ނަމަވެސް މި މައްސަލައަށް ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ. އަދި ސާބިތުކަމާއެކު އިންސާފު ގާއިމްކުރުމުގައި ކުރިއަށްދާނެ ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
އެ މައްސަލައާގައި އަނިޔާ ލިބުނު މީހާއަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުވާފަދަ ލިޔުމެއް ދައުލަތުން ހުށަހަޅާފައިވީނަމަވެސް، ހައިކޯޓުގެ ހުކުމްގައި ވާގޮތުން އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ކަނޑައަޅާފައިވާ އިދާރާއަކުން ނޫނެވެ. އެހެންކަމުން މިކަން ސާބިތުވާނެ ލިޔުމެއް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިނުވާކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
ދައުލަތުން ލިޔުން ހުށަނޭޅުމުން ކޯޓުން ބޭރުކޮށްލި ޖިންސީ ގޯނާނެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ