ރައީސް ޔާމީން މިނިވަން ކުރަން ސީދާ ހަރަކާތަށް ދާން އިދިކޮޅުން ނިންމައިފި

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކޮށް، އެ ހުކުމް ދެެމެހެއްޓުމާ ގުޅިގެން އެކަން ބަލައި ނުގަނެ ސީދާ ހަރަކާތަށް ނުކުންނަން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.ޖޮއިންޓު ކައުންސިލަށް ގާރާރެއް ހުށަހެޅުއްވެވީ އިދިކޮޅުގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ އެވެ. މި ޤަރާރު ފާސްކޮށްފައިވަނީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީ ކަމުގައިވާ ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ކައުންސިލުތައް އެއްކޮށް ކުރިއަށް ގެންދިޔަ ޖޮއިންޓު ކައުންސިލް ބައްދަލުވުމަކުން ދާދި ދެންމެއެވެ.އެ ގާރާރުގައި ބުނެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑަރިން ކުށް ސާބިތުވެއްޖެ ކަމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ ސިޔާސީ ބޭނުމަށް، އިސްލާމީ ޝަރީއާތާއި ގާނޫނުތަކާ ހިލާފަށް އިއްވި ހުކުމެއް ކަމަށެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް ނިންމި ނިންމުމަކީ ވެސް އެފަދައިން ސިޔާސީ ސަބަބުތަކަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.އެކަމާ ދެކޮޅު ހަދައި ސީދާ ހަރަކާތަށް ދާން ކޮންގްރެސް ޕާޓީ އާއި ޕީޕީއެމުން ނިންމި ނަމަވެސް ސީދާ ހަރަކާތް ހިންގާނެ ގޮތެއް ނުނިންމަ އެވެ. އަދި ހިންގާނެ ހަރަކާތްތަކުގެ ތަފުސީލެއް ވެސް ނުދެ އެވެ. މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ