ސާމްޕަލް ނެގި މީހާގެ ކިބައިން މެމްބަރު އިކްރާމް މައާފަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، ކޮވިޑް19 ސާމްޕަލް ނެގި މީހާއަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައިގައި މައާފަށް އެދިވަޑައިގެންފިއެވެ. ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް މީހަކު ހަމަލާ ދިން މައްސަލައެއް ފެންމަތިވީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރެޔެވެ. އެ މައްސަލަ މިހާރު ފުލުހުން ވެސް ތަހުގީގު ކުރަމުން އަންނައިރު، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމެޓީއަށް ވެސް އެ މައްސަލަ ވަނީ ހުށަހަޅާފައެވެ. މެމްބަރު އިކްރާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ "ޝިފާނާ" އަދި ޝިފާނާގެ މަންމައާ މިއަދު ބައްދަލުކޮށްފައިވާނެ ކަމަށެވެ. "އަދި އަޅުގަނޑަށް ބުނެވުނު/ކުރެވުނު ކަމަކަށް މައާފަށް އެދުނިން،" އިކްރާމް ވިދާޅުވިއެވެ. އިކްރާމް ވިދާޅުވީ ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އާރްއާރްޓީ ޓީމުގެ ހުރިހާ މުވައްޒަފުންގެ ކިބައިން ވެސް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. https://twitter.com/ikramhassan/status/1315630494667608065 އިކްރާމް ވަނޯ ސާމްޕަލް ނެގި މީހާއަށް ހަމަލާ ދިންކަމަށް ބުނާ ވާހަކަ ދޮގުކުރައްވައިފައެވެ. "ނޭފަތު ތެރެއަށް ސާމްޕަލް ނަގާ އެތި ލައްވާފަ ތަޅުވައިގަތީމަ ތަދުވިވަރުން އެ ކަފަ ބުރު ނެރުމަށް މޫނާ ކައިރީގަ އިން އޭނާގެ [ސާމަޕަލް ނެގި މީހާގެ] އަތް ދުރަށްލިން،" ސަރުކާރުން ހިންގާ މައި ޕާޓީ އެމްޑިޕީއަށް ނިސްބަތްވާ އިކްރާމް ވިދާޅުވި އެވެ. "އަދި ވަރަށް ރުޅި އައިސް ބުނެވުނު މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނެގުމަށް ބައިތިއްބަން ނުވާނެ ކަމަށް،" އިކްރާމް ވިދާޅުވީ، އެވަގުތު ސާމްޕަލް ނެގި މީހާއަށް ކިޔަނީ ކޮން ނަމެއްތޯވެސް އެހުމުން އެ ސުވާލަށް އޭނާ ޖަވާބު ނުދިން ކަމަށެވެ. "މިއަށްވުރެ ބޮޑު ކަމެއް ނުހިނގާ. އެތާ ކެމެރާ ހުރި ނަމަ، އެ ކެމެރާއިން ބައްލަވާ ކަން ހިނގާ ދިޔައީ މިގޮތަށް ނޫންތޯ،" ކަން ހިނގިގޮތް އިކްރާމްގެ ފަރާތުން ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވި އެެވެ. ނަމަވެސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ވަނީ އިކްރާމަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެ މައްސަލަތައް ބަލައި އޭނާއާ މެދު ފިޔަވަޅު އަަޅައިދިނުމަށް އެދެފަ އެވެ. އެގޮތުން، މެންބަރު އިކްރާމް ދެ ފަހަރެއްގެ މަތިން އަތް އިސްކޮށް، އޭނާއަށް އަނިޔާ ކުރާ ނަމަ ޖެހުމުގެ ހައްގު އޮންނާނެ ކަމަށާއި އަދި ތަކުރާރުކޮށް ޖަހާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. "ތިމަންނާއަކީ އެމްޕީއެއް ކަމަށާއި ތިގޮތަށް އަނިޔާ ނުކުރެވޭނެ ކަމަށާއި ޕޮލިހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ ބިރުދައްކާފައި،" އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ސާމްޕަލް ނެގުމަށް ހަރަކާތްތެރިވި ފަރާތުގެ ނަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކޮށް އޭނާ އަކީ "މުސްލިމެއް ނޫން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ރައްޔިތުން އިންތިހާބުކުރާ އަދި ރައްޔިތުން ތަމްސީލްކުރާ މަގާމެއްގައި ހުރެ އާންމު ހިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުވައްޒަފަކަށް ފުރައްސާރަކޮށް ހަމަލަދީ އަދި އެކަން ދިފާއު ކުރުމަށް ކުރަމުންދާ މަސައްކަތް އެ ޔޫނިއަން އިން ވަނީ ކުށްވެރި ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ