މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވެފައި، މޫސުމާބެހޭ އިދާރާއިން ރާއްޖެއަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.
މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުރޭއްވުމަށްވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ދަނީ ލިބެމުންނެވެ. އެހެންކަމުން، ދަތުރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރެއްވުމާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.
“މީގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާހިންގާ ފަރާތްތަކުން މި ކުރަމުންދާ ވިއްސާރާގައި އެފަދަ ކުޅިވަރުތައް ނުހިންގެވުމަށްވެސް އިލްތިމާސްކުރަން، އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ދަންނަވަން” އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މޫސުން އިތުރަށް ގޯސްވުމުން ކަނޑު ދަތުރުކުރެއްވުމުގައި ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ