މޫސުން ތަން ނުދިނުމުގެ ސަބަބުން "ޔޫތު ސިޓީ ފުޓްސަލް ކަޕް 2018" ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ފަށާ ގޮތަށް ހަމަޖެހިފައި އޮތް "ޔޫތު ސިޓީ ފުޓްސަލް ކަޕް 2018" އަންނަ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.
މުބާރާތް އިންތިޒާމް ކުރާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފައި ވަނީ މުބާރާތް ފަސް ކުރުމާއެކު ޝެޑިއުލަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އެ ބަދަލުތައް ވަރަށް އަވަހަށް ޓީމުތަކާ ހިއްސާކުރާނެ ކަމަށެވެ.
މިމުބާރާތަކީ ޖުމުލަ 136 ޓީމާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ.
ޔޫތު ސިޓީ ފުޓްސަލް ކަޕްގައި އަންހެން 16 ޓީމާއި ފިރިހެން 120 ޓީމު ބައިވެރިވެފައި ވާއިރު، ފިރިހެން ބައި ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. ފުރަތަމަ ބުރުގައި 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުތަކުން މޮޅުވާ 30 ޓީމު ދެވަނަ ބުރުގައި ވާދަކުރާނެއެވެ. އެ 30 ޓީމުގެ ތެރެއިން 15 ޓީމަށް ގަދަ 16 އިން ޖާގަ ލިބޭ އިރު، އަނެއް ޖާގަ ލިބޭނީ އެ މެޗުތަކުން ބަލިވާ 15 ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމެވެ. އެ ޓީމު ހޮވުމުގައި ގެންގުޅޭ އުސޫލުތަކުގެ ތެރޭގައި ޖެހި ގޯލާއި، ވަން ގޯލުގެ އަދަދަށް ބަލާނެއެވެ. އޭގެ އިތުރުން ޕެނަލްޓީ ޝޫޓްއައުޓުން ބަލިވާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޓީމަށް އެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މުބާރާތުގެ އަންހެން ބައި ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައިވެސް ހަތަރު ޓީމު ވާދަކުރާނެއެވެ. ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ކޮންމެ ގްރޫޕެއްގެ ވެސް ގަދަ ދެ ޓީމު ދަތުރުކުރާނީ ކުއާޓާއަށެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ބައިގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ބައިގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ