ފެނުން ކަރަންޓު އުފައްދާ އިރާގުގެ އެންމެ ބޮޑު ޑާމް ހިމާޔަތް ކުރުމަށް އިޓަލީން 450 ސިފައިން ފޮނުވަނީ

އިރާގުގެ ތިގްރީސް ކޯރުގައި ފެނުން ކަރަންޓު އުފެއްދުމަށް ހަދާފައިޥާ “މޯސުލް ޑާމް” ހިމާޔަތް ކުރުމަށް 450 ސިފައިންގެ ފައުޖެއް ފޮނުވުމަށް އިޓަލީން ނިންމައިފި އެވެ.
އިޓަލީގެ މި ނިންމުން އިއުލާނު ކުރައްވަމުން އެ ގައުމުގެ ބޮޑު ވަޒީރު މަޓޭއޯ ރެންޒީ ވިދާޅުވީ އެ ސަރަހައްދަށް ފައުޖެއް ފޮނުވަން ނިންމީ އައިއެސް ހަނގުރާމަވެރިންގެ ކިބައިން “މޯސުލް ޑާމް” ހިމާޔަތް ކުރުމަށް ކަމަށެވެ.
މޯސުލް ޑާމް އަކީ ޖަރުމަނާއި އިޓަލީ ގުޅިގެން 1980ގައި ބިނާކޮށްފައިވާ ޑާމް އެކެވެ. އެ ޑާމް އިން މިހާރުވެސް އިރާގުގެ އުތުރުގެ ބޮޑެތި ސިޓީތަކަށް ކަރަންޓް ފޯރުކޮށްދެ އެވެ.
“ޑާމް ހިމާޔަތް ކުރުމަށް އިޓަލީ ކުންފުންޏަކުން ވަނީ ގޮވާލާފައި، އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ފައުޖެއް ފޮނުވުމަށް މިވަނީ ނިންމާފައި، މި ފައުޖު ގޮސް އެމެރިކާ ސިފައިންނާއި ގުޅިގެން ޑާމް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ” އިޓަލީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
މި ޑާމް ހަދާފައިވާ މޯސުލް އަކީ އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އެވެ. އެ ސިޓީގެ އެއްކޮށް ކަހަލަގޮތަކަށް މިހާރުވެސް އޮންނަނީ އައިއެސްގެ ކޮންޓްރޯލް ދަށުގަ އެވެ. މޯސުލް ޑާމްވެސް އައިއެސްގެ ބެލުމުގެ ދަށަށް ދިޔަ އެވެ. ނަމަވެސް އެމެރިކާއާއި ކުރުދީންގެ ވަރުގަދަ ހަމަލާތަކަކަށްފަހު ޑާމްގެ ކޮންޓްރޯލް އައިއެސް އަށް ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ