މިރުޒާގެ މަރުގެ މައްސަލާގައި ހުށަހެޅި ހެއްކަކު، ތިން ފަހަރު އެނގުމުން ވެސް ފުލުހުން ހާޒިރެއްނުކުރި: އަބްދުﷲ ގާޒީ

ނ. މާޅެންދޫ ވައިޓްހައުސް އަހްމަދު މިރުޒާ މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން މިހާތަނަށް ހެކިބަސް ނެގިފައިނުވާ މީހާ ހާޒިރުކޮށްދިނުމަށް ތިންފަހަރު އަމުރުކުރުމުން ވެސް ފުލުހުން އޭނާ ހާޒިރުކޮށްދީފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ. ދެ ހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ހުއްޓައި ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލައް ޒާވިއާ އަބްދުﷲ ނަސީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ އިތުރުން ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށެވެ. އެމީހުންގެ ތެރެއިން ނަސީފްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ޝިފާއު އާއި ރިފްޝާންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ގާޒީ ވިދާޅުވީ ހެކިވެރިޔާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރުކުރީ ދައުލަށް އޭނާ ހާޒިރުކޮށްނުދެވިގެން ކޯޓުގައި އެދުމުން ކަމަށެވެ. ގާޒީ އެހެން ވިދާޅުވުމުން ދައުލަތުން ވަނީ ހެކިވެރިޔާ ހާޒިރުކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދިފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އެ ހެކިވެރިޔާ އަކީ ދައުވާ ސާބިތުކުރުމަށް ވަރަށް މުހިންމު މީހެއް ކަމަށާއި އޭނާ ހާޒިރުކުރުމަށް އިތުރަށް މަސައްކަތް ކުރަން ބޭނުންވަނީ އެހެންވެ ކަމަށެވެ. ނަމަވެސް ހާޒިރު ނުކުރެވިއްޖެނަމަ އެމައްސަލާގައި އިތުރުގޮތެއް ނިންމާނެ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ހެކިން ހާޒިރުކުރުމަށް ދައުލަތަށް ގިނަ ފުރުސަތުތަކެއް ދީފައިވާ ކަން ފާހަގަކުރައްވައި ޝިފާއު އާއި ނަފީސުގެ ވަކީލު ވިދާޅުވީ ވީހާވެސް އަވަހަކަށް އެ މައްސަލައިގެ އަޑުއެހުންތައް ނިންމައި ދިނުމަށް އެދޭ ކަމަށެވެ. ބަންދުގައި ތިބޭތާ ތިން އަހަރަށްވުރެ ގިނަދުވަސްވެފައި ވާކަން ފާހަގަކޮށް ދައުވާ ލިބޭ ތިން މީހުންވެސް ވަނީ މައްސަލަ އަވަސްކޮށް ދިނުމަށް އެދިފަ އެވެ. އަބްދުﷲ ގާޒީ ވިދާޅުވީ ހެކިން ހާޒިރުކުރުމަށް ދެވެންއޮތް އެންމެ ގިނަ ފުރުސަތެއް ކޮންމެ ފަރާތަކަށްވެސް ދެއްވާނެ ކަމަށާއި، ދައުލަތުގެ ހެކިން ހާޒިރުކުރަން އިތުރުފުރުސަތު ދީފައި ވަނީ އެ އުސޫލުގެ ދަށުން ކަމަށެވެ. މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި އެމީހުންގެ ތެރެއިން ނަސީފް އާއި ޝިފާއުއާ ދެކޮޅަށް ވަނީ މަންޒަރު ދުށް ބައެއް މީހުން ހެކިބަސްދީފަ އެވެ. ނަމަވެސް ރިފްޝާނާ ދެކޮޅަށް ހެކިބަސް ލިބިފައެއް ނުވެ އެވެ. މިރުޒާ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2012 ވަނަ އަހަރުގެ ތެރޭގައި ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ