105 އަހަރުގެ އަންހެނަކު ސްކޫލް ދަރިވަރުންގެ އިމްތިހާނެއް ފުރިހަމަކޮށްފި

އުމުރުން 105 އަހަރުގެ އަންހެނަކު ސްކޫލް ދަރިވަރުންގެ އިމްތިހާނެއް ފުރިހަމަކޮށް އެތައް ބަޔަކު ހައިރާންކޮށްލައިފިއެވެ.
އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ، ބަގީރަތް ނަމަކަށްކިޔާ މި އަންހެން މީހާ ފުރިހަމަކޮށްފައި ވަނީ ގްރޭޑް ހަތަރެއް ސްޓޭންޑާޑްގެ އިމްތިހާނެކެވެ. ކެރެލާ ސްޓޭޓް ލިޓްރެސީ މިޝަންގެ ފަރާތުން ކުރިޔަށްގެންދިޔަ މި އިމްތިހާނުގައި ބަގީރަތް ބައިވެރިވެ، އެ އިމްތިހާނު ފުރިހަމަ ކުރުމުން އޭނާ ވެފައި ވަނީ، އިމްތިހާނު ފުރިހަމަކޮށްފައިވާ އެންމެ އުމުރުން ދޮށީ މީހާއަށެވެ.
މިކަމާއި ގުޅޭގޮތުން ލިޓްރެސީ މިޝަންގެ ފަރާތުން ނޫސްތަކަށް މައުލޫމާތު ދިން އޮފިޝަލަކު ބުނެފައިވަނީ، އުމުރުން 100 އަހަރުން މަތިވެފައި ވީނަމަވެސް ބަގީރަތްގެ ލޮލުގެ ފެނުމާއި ކަންފަތަށް އިވުން އަދި ހަނދާން ރަނގަޅު ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާ އަކީ އެ އުމުރުގައި ވެސް ވިސްނުންތޫނު މޮޅު މީހެއް ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. އޭނާ ބުނިގޮތުގައި މި އިމްތިހާން ފުރިހަމަ ކުރުމަށް ބަގީރަތަށް އެހީތެރިވީ އޭނާގެ އަންހެން ދަރިފުޅު ކަމަށެވެ.
ބަގީރަތް ފުރިހަމަކޮށްފައިވަނީ އެންވާރަމަންޓަލް ސްޓަޑީޒް އާއި ހިސާބު އަދި މަލެޔާލަމް އިމްތިހާނެވެ. މި އިމްތިހާނުތައް އޭނާ ފުރިހަމަކުރީ ތިން ދުވަހުންނެވެ.
ބަގީރަތަކީ އޭނާ ކުޑައިރު، އޭނާގެ މަންމަ މަރުވުމުން ކިޔެވުން ނިންމާލަން ޖެހި ސްކޫލަށް ދިއުން ހުއްޓާލަން ޖެހުނު މީހެކެވެ. ނަމަވެސް އޭނާ ކިޔެވުމަށް ހުރި ޝަޢުގެއްގެ ބޮޑުކަމުން، ސްކޫލަށް ނުގޮސްވެސް ތައުލީމް ހާސިލް ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން ދިޔައެވެ.
ބަގީރަތް ބުނެފައި ވަނީ، އޭނާ އަކީ ކިތަންމެ ދުވަސްވީ މީހެއް ނަމަވެސް، އޭނާގެ މާމައިން އުމުރުން ދުވަސްވުމުން ގޮނޑީގައި ތިބި ގޮތަށް ހުންނަން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން މި އިމްތިހާނު ފުރިހަމަކުރެވުމަކީ އުމުރުން ދުވަސްވީ ނަމަވެސް ހިއްވަރެއް ހުރިއްޔާ ކާމިޔާބާއި ހަމައަށް ވާސިލު ވެވިދާނެ ކަމުގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ