ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަހާޒާއި ދިޔާނާގެ ނަން ވެސް ހުށަހަޅަން ރައީސަށް ލަފާ އަރުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އިތުރުން، އެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދުގެ ނަން ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އަރުވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.
އަދި އޭގެ ފަހުން ޖޭއެސްސީން ވަނީ އެކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލާފައެވެ.
ޖޭއެސްސީން ހުޅުވާލި އެ ފުރުސަތުގައި ދިޔާނާ އާއި، ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު އާއި ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާވެސް ކުރިމަތިލެއްވިއެެވެ.
މަހާޒުވެސް ހިމެނޭހެން ޖޭއެސްސީން މި އެންމެންގެ އިންޓަވިއު ކުރުމަށްފަހު ރައީސް އަށް ލަފާއަރުވަން ނިންމި، މަހާޒާއި ދިޔާނާގެ ނަންފުޅަކީ "ހައިލީ ރިކޮމެންޑެޑް" ދެ ނަންފުޅު ކަމަށެވެ. އަދި ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ "ރިކޮމެންޑެޑް" ބޭފުޅުން ކަމަށެވެ.
އަދި ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން މި ބޭފުޅުންގެ ނަންތައް ވެސް ރައީސް މަޖިލީހަށް ފޮނުއްވާނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ