މަޖިލީހުގެ އަލިފުށީ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ގަބޫލުކުރެވޭތީ އެ ދާއިރާގެ ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް )ވައްޑެ( މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި އޮތް ނިއުސް ކޮންފަރެންސްގައި ވައްޑެ ވިދާޅުވީ ސާބިތު ދަރަނީގެ މައްސަލައާ ގުޅިގެން ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި ދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫން ނަގާފައިވާ ލޯނުތަކުގެ ތެރެއިން އަނބުރާ ނުދައްކާ އޮތް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 2010 ވަނަ އަހަރުގެ ތެރޭގައި ހުކުމްކުރި އެވެ. އަދި ސިވިލް ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރުމުން އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަންޖެހޭ މުއްދަތު ހަމަވިއިރު ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެއް ނުވެއެވެ. އަދި އެ ފައިސާ ނުދެއްކުމުން ފައިސާ ދެއްކުމަށް ކުރިން ކޮށްފައިވާ ހުކުމް ތަންފީޒުކޮށްދިނުން އެދި ބޭންކުން ހުށަހަޅާފައިވާ މައްސަލައެއް ސިވިލް ކޯޓުން ދަނީ މިހާރު ވެސް ބަލަމުންނެވެ.
އަނެއްކޮޅުން މި ދެ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން ނިންމި ނިންމުން ގާނޫނާ ހިލާފް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިރު ވެސް ވައްޑެ ވަނީ އާޒިމާއި ނާޝިޒްގެ ގޮނޑީގެ މައްސަލަ ނަންގަވައިފަ އެވެ. ވައްޑެ ވަކާލާތު ކުރެއްވި އެ މައްސަލާގައި ބުނެފައިވާ ގޮތުގައި އެ ބޭފުޅުންގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އެ ދެ މެމްބަރުން ވޯޓު ދެއްވައިގެން ފާސްކޮށްފައިވާ ފާސްކުރުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެކެވެ. އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން ނިންމި ނިންމުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ސިއްރު ވޯޓު ނެގުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.
ވައްޑެ ވިދާޅުވީ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަމުން ނުދާ އިރު އެ ދެ ބޭފުޅުންގެ ގޮނޑިއާ މެދު އުފެދިފައިވާ ސުވާލާ މެދު އިލެކްޝަންސް ކޮމިޝަނުން ވެސް މިހާރު ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އަދި ގާނޫނީ ގޮތުން އެ ދެ ގޮނޑި ހުސްކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ކުރީކޮޅު ކާށިދޫ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ދާއިރާ އަށް ވެސް ކުރިމަތިލެއްވުމަށް ފަހު، މަސްލަހަތަށްޓަކައި ކޯލިޝަންގެ ކެންޑިޑޭޓް އަދި ޖުމްހޫރީ ޕާޓީގެ އޭރުގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރަށް ދޫދެއްވި ނަމަވެސް މި ފަހަރު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
އަލިފުށީ ދާއިރާގެ ގޮނޑި ހޯދަން މަސައްކަތް ފަށައިފިން: ވައްޑެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ