ފިޔޯރީއަށް ވަގުތީ ގޮތުން ކަރަންޓް ދީފި، އިންޖީނުގެ މީހުން ނޫޅޭ ހިސާބަށް ގެންދަނީ
ބެޓެރީ ސެޓް ގޮވައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ކަރަންޓް ކެނިޑިފައިވާ ގދ. ފިޔޯރީއަށް ވަގުތީ ގޮތުން ކަރަންޓް ދީ އިންޖީނުގެ މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކުރުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. ފިޔޯރީ އިންޖީނުގޭގައި ހުރި 250 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓަށް ގުޅާފައިި ހުރި ބެޓްރީ ސެޓް ގޮވައި މުޅި ރަށުން ކަރަންޓް ކެނޑުނީ މިދިޔަ ހުކުރު ދުވަހުގެ މެންދުރު ވަގުތު އެވެ. ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ގއ. ދެއްވަދޫ ބްރާންޗުގައި ހުރި 180 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓެއް ފިޔޯރީއަށް ގެނައިސް ރޭ ފަތިހު 4:14 ކަން ހާއިރު މުޅި ރަށަށް ވަގުތީ ގޮތުން ކަރަންޓް ދީފައިވާ ކަމަށެވެ. "މިހާރު ކުންފުނިން މަސަތްކަތް ކުރަމުން ދަނީ އެރަށުގެ ރައްޔިތުން ދިރިއުޅެމުންދާ ހިސާބު ދުރުގައި އިންޖީނުގެ ބަދަލުކުރުމަށް އިމާރާތް ކޮށްފައިވާ ތަނަށް ފިޔޯރީގައި ހުރި އިންޖޫނުތައް ބަދަލު ކުރުމަށް ޓަކައި އެ އިމާރާތް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައިސް ދާއިމީ ކަރަންޓްގެ ހިދުމަތް ފޯރު ކޮށްދިނުމަށް ޓަކައި ކުރަންޖެހޭ މަސަތްކަތެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. ފެނަކައިން ބުނީ އެ މަސަތްކަތް ނިންމައި ފިޔޯރީއަށް ދާއިމީ ގޮތެއްގައި ކަރަންޓް ދިނުމަށް އަދި މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއިންޖިނުގޭގައި މަސަތްކަތް ކުރަމުންދިޔަ އެރަށު ޗިޗަންޑާގޭ، 26، ނާޒިދް އަބްދުﷲ ވަނީ ނިޔާވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ