ރާއްޖެ ޓީވީ އަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އެއްބާރުލުން ނުދޭ މައްސަލާގައި ކުރި ދައުވާއާ ގުޅިގެން، ރާއްޖެ ޓީވީއާ އެއްކޮޅަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.ރާއްޖެ ޓީވީން ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ރައީސް އޮފީހުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ރާއްޖެ ޓީވީއާ މެދު ތަފާތު ނުކުރުމަށެވެ.ހުކުމުގައިވަނީ ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ނިންމިކަން ރައީސް އޮފީހުގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ނިންމީ ރާއްޖެ ޓީވީން ރައީސް އޮފީހުގެ އެތެރެ ވީޑިއޯކޮށް އެތަނުގެ ސަލާމަތީ ކަންކަމަށް ބުރޫ އަރާގޮތަށް މަސައްކަތް ކުރާތީ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ގާޒީ އަލީ ރަޝީދު ހުސައިން އިއްވެވި ހުކުމުގައި ވަނީ ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރުމުގެ އުސޫލާ ހިލާފަށް އަމަލުކުރާ ނަމަ އެ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުގެ ހައްގު ރައީސް އޮފީހަށް ލިބިގެންވާ ކަމަށެވެ. އަދި ރައީސް އޮފީހަކީ ވެސް ރައްޔިތުންނަށް ހިދުމަތްކުރާ ތަނަކަށް ވާއިރު ރައީސް އޮފީހުން ވެސް އަމަލުކުރަންޖެހޭނީ ގާނޫނު އަސާސީއާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.މީގެ އިތުރުން އެއްކަމެއް ކުރާ ބައެއްގެ މެދުގައި ތަފާތު ކުރުމަކީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަމުގެ އުސޫލާ ހިލާފްކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ގާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލްފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާއިރު ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮންނަ ކަންކަމަށް އަމަލުކުރުމަކީ އިހްތިޔާރީ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.ރައީސް އޮފީހަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމުމުން އެ މައްސަލަ ވެސް ރާއްޖެ ޓީވީން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ވެސް އެ ކޯޓުން ހުކުމްކޮށްފައި ވަނީ ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމި ނިންމުމަކީ ގާނޫނާއި ހިލާފް ނިންމުމެއް ކަމަށެވެ.ރާއްޖެ ޓީވީން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ވަނީ ރާއްޖެ ޓީވީ އަށް
އެއްބާރުލުން ނުދޭން ރައީސް އޮފީހުން ނިންމާފައިވާ ނިންމުމަކީ ގާނޫނު
އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާއިން
ލިބިދީފައިވާ ހައްގުތައް ހަނިވާގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެހެންކަމުން އެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށާއި މައުލޫމާތު
ހޯދުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާއިރު އެ ހައްގުން ރާއްޖެ ޓީވީ
މަހްރޫމް ނުކުރެވޭ ކަމަށާއި އަދި އެހެން ހަބަރު ފަތުރާ ވަސީލަތްތަކަށް
ރައީސް އޮފީހުން މައުލޫމާތު ދޭގޮތަށް ރާއްޖެ ޓީވީ އަށް ވެސް މައުލޫމޫތު
ދޭން ޖެހޭނެ ކަމަށް އަމުރުކޮށްދިނުމަށް ދައުވާގައި އެދިފައި ވެއެވެ.
ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭތީ މީޑިއާ ކައުންސިލުން ވެސް ވަނީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އަށް ހުށަހަޅައިފަ އެވެ.
ރާއްޖެ ޓީވީއާ މެދު ތަފާތު ނުކުރުމަށް ރައީސް އޮފީހަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ