ޕީޕީއެމްގެ ޒުވާނުންގެ ގޮފީހުގެ ރައީސް އިބްރާހިމް ނާޒިމްގެ ސުލޫކީ މައްސަލައެއް އެ ޕާޓީން ބަލަން ފަށައިފި އެވެ.
ޕީޕީއެމްގެ ސުލޫކު ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވި ގޮތުގައި ނާޒިމުގެ މައްޗަށް ހުށަހަޅާފައި ވަނީ އޭނާ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަދި ޕާޓީ އަށް ގެއްލުންވާ ގޮތަށް އެކި ތަންތަނުގައި ވާހަކަ ދައްކަވާފައިވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލައިގައި އޭނާގެ ފަރާތުން ތަމްސީލުކުރާނެ ދެ މަންދޫބަކު ހަމަޖައްސައި، މި މަހުގެ 27 ވަނަ ދުވަހަށް އެ ދެ މަންދޫބުން ސުލޫކު ކޮމިޓީ އަށް ފޮނުވަން އިއްޔެ ސިޓީ ފޮނުއްވާފައިވާނެ ކަމަށް އަޒީޒު ވިދާޅުވި އެވެ.
ޓްރާސްޕޯޓް އޮތޯރިޓީގެ ލޭންޑް ވެހިކަލް ރެޖިސްޓްރާގެ މަގާމުގައި ވެސް ހުންނެވި ނާޒިމް ރޭ ވިދާޅުވީ އޭނާގެ ފަރާތުން ދެ މަންދޫބަކު ހަމަޖެއްސުމަށް ސިޓީ ފޮނުވިއިރު، ތުހުމަތުކުރަނީ ކޮން މައްސަލައަކަށް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑުގެ ފަރާތަކުން ޖަވާބުދާރީވާން މަންދޫބުންނެއް ނުފޮނުވޭނެ. ފުރަތަމަ އެނގެން އެބަޖެހޭ ތުހުމަތުކުރަނީ ކޮން ކަމެއްކަން،" ޕީޕީއެމްގެ ކޮންގްރެސްގައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރަށް ތާއިދުކުރައްވާ ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުމަރަށް ސަޕޯޓުކުރާ މެމްބަރުންގެ މައްސަލަތައް ސުލޫކު ކޮމިޓީން ބަލަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ނުފޫޒުންނެވެ.
"މިކަންކަމުން މިއެނގެނީ، ކޮންމެ ގޮތަކަށް ޕްރައިމަރީ ކާމިޔާބު ކުރިޔަސް، ވަކި މީހެއްގެ ނުފޫޒު ޕާޓީ ތެރޭގައި އޮތްވަރު. ޔާމީނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން އަސާސީ ގަވާއިދާ ހިލާފަށް ވާހަކަ ދައްކަވާފައި އެބަހުރި. [އެކަމަކު] އެކަންކަމެއް ނުބެލޭ،" ނާޒިމް ވިދާޅުވި އެވެ.
ޕްރައިމަރީގެ ކެމްޕޭނުގައި އުމަރު ދައްކަވާފައިވާ ވާހަކަތަކާއި، ޕްރައިމަރީ އަށް ފަހު އުމަރު ވަކިން ޖަލްސާ ބޭއްވެވި މައްސަލަ ޕީޕީއެމްގެ ސުލޫކު ކޮމިޓީން ބަލައި، އުމަރު "އިސްލާހު" ވުމަށް މިހާރު ވަނީ ދަންނަވައިފަ އެވެ. އަދި އޭގެ ކުރިން އޭނާ މާފަށް އެދެން ވެސް އެ ޕާޓީގެ ކައުންސިލުން ވެސް އެދުނެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އޭނާ އަދި ނުކުރައްވަ އެވެ.
ކައުންސިލް މެމްބަރު ނާޒިމްގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ