އެމްޑީޕީގައި ފައިސާ ހުރިކަން އެނގޭ ކަމަށާއި ކުރިން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެ ފާޓީ އަށް ފައިސާ ދެނީ ކާކުކަން އަދި ކޮން ތާކުން ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
"ތިމަންނަގެ ކުރިމަތީގައި އެހެން ކެންޑިޑޭޓުން ޖެހޭނީ ބޮޑު ލާރީގައި ހުނި ޖަހާށޭ، ބަލަ ކޮން ތާކުން ކިހިނެއްތޯ މަތިންތޯ [ފައިސާ] އެއައީ؟ އަޅުގަނޑުމެންނަށް އެބަ އިނގޭ އެ ލާރި އެބަ ހުރިކަން. އެކަން އެބަ ހިނގާކަން. އެކަމަކު މީގެ ހިސްޓްރީ އަށް ބަލާލީމަ އެނގޭނެ އިއްޔެ އާއި އިހަށް ދުވަހު ކޮން ތާކުންތޯ އެ ލާރި ހޯދާނީ؟ ކާކުތޯ ދެނީ؟" ތ. ތިމަރަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ކެމްޕޭނަށް ހަރަދުކުރަން ފައިސާ ހޯދަނީ ކޮން ތާކުން ކަން "ރަނގަޅަށް ބަލާލުމުން ސާފުވާނެ" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ތަނެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ އަބަދާއި އަބަދު އެމްޑީޕީން ހަރަދުކުރާ މަންޒަރު ފެންނަމުންދާ ކަމަށާއި އެހެން ކެންޑިޑޭޓުން ޖެހޭނީ "ބޮޑުލާރީގައި ހުނިޖަހާށޭ" ނަޝީދު ވިދާޅުވުމުން އޭގެ މާނަ ނޭނގޭ ރައްޔިތަކު ނުހުންނާނެ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ދިވެއްސަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތުމުން، އޭނާ ހާއްސަ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު އެއާ ގުޅުވައިގެން ވަރަށް ގިނަ ސުވާލުތައް އެކި ފަރާތްތަކުން ކުރިމަތިކުރުވި އެވެ.
ރާއްޖޭގައި ސައްތަ އިން ސައްތަ މުސްލިމުން ތިބިއިރު އެކަން ބަދަލުކޮށްލަން ބޭނުންވާ ބަޔަކު ވެސް ފައިސާ ދެމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ގާސިމް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރާނީ އެއް ބުރުން ކަމަށް ކިތަންމެ ބާރަށް ނަޝީދު ވިދާޅުވި ނަމަވެސް އެކަމެއް ނުވާނެ ކަމަށެވެ. އަދި އަނެއް ދިވެހި ރާއްޖެ އަށް ރައްޔިތުން ގެންގޮސްދޭނެ ކަމަށް ނަޝީދު ވިދާޅުވާތީ، އެ ދިވެހި ރާއްޖެ އަށް ކުރިމަތިލެއްވުން ރަނގަޅުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާނެ ކަމެއް ނެތް ހެން އަޅުގަނޑަށް ހީވަނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދާހިލީ ގޮތުންނާއި ހާރިޖީ ގޮތުން ރާއްޖެ އަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވެފައި މިވަނީ ތަޖުރިބާ ނެތި 2008 ގައި ނަޝީދު ވެރިކަމަށް ވަޑައިގަތުމުން ކަމަށެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުން ފެށިގެން މައުމޫން އަބްދުލް ގައްޔޫމްގެ ދިގު 30 އަހަރުގެ ދައުރުގައި ވެސް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި އެ ދެ ދައުރުގައި ވެސް ހާރިޖީ ސިޔާސަތު ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް އޮމާންކަމާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް [މުހައްމަދު ނަޝީދު] ވެރިކަމާ ހަވާލުވި ފަހުން އަޅުގަނޑުމެންނަށް މި އައި ލޮޅުމާއި ދުއްތުރާ އަޅުގަނޑުމެން ހަނދާނުން ފިލައިގެން ނުދާނެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހާރިޖީ ގުޅުންތަކަށް ބުރޫއެރި އެއް ސަބަބަކީ ދިވެހި ގައުމުގެ މިލްކިއްޔާތުތައް ނުއަގުގައި ބޭރުގެ ފަރާތްތަކަށް ވިއްކާލުމެވެ.
ގާސިމް ވިދާޅުވީ ރައީސްކަމަށް ހޮވޭ ބޭފަކީ ތެދުވެރި، އަމާނާތްތެރިއަކަށް ވާން ޖެހޭ ކަމަށެވެ. ތަމްރީނު ދޭން ޖެހޭ މީހަކު ވެރިކަމަށް ގެނެވެން ރައްޔިތުންނަށް މިއަދު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިމަރަފުއްޓާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ ތިމަރަފުށީގެ އެއާޕޯޓްގެ މަސައްކަތް ނިމުމާ އެކު، އެ އަތޮޅުން ދޫކޮށްފައި ހުރި ރިސޯޓްތައް ހެދުމުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ. އޭރުން ރިސޯޓްތަކަށް ޓޫރިސްޓުން އަންނާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުރިން ގިނަ އަދަދަކަށް ޔޫރަޕުން ރާއްޖެ އަށް ޝައުގުވެރިވި ނަމަވެސް މިހާރު ޗައިނާގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ރާއްޖެ އަށް ޒިޔާރަތްކުރާ ކަމަށެވެ. އަދި ޖަޕާނުގެ ޓޫރިސްޓުން ރާއްޖެ އައުން މަދުވެފައި ވަނީ އެ ގައުމުން ސީދާ ރާއްޖެ އަށް އާދެވޭނެ ގޮތް ނެތުމުން ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ނިމުމުން ތ. އަތޮޅު ވަރަށް ބޮޑަށް ކުރިއަރައި ތަރައްގީވާނެ ކަމަށެވެ.
"މިއަދު ތ. އަތޮޅުގެ ރަށްރަށުގެ މަތިން އުއްމީދު ކެނޑިފައި ތިބި މީހުންނަށް ރޯޝަނީކަމެއް ލިބިގެންދާނެ ދުވަސް އަޅުގަނޑުމެން އަތް ދަމާލީމާ ކައިރިވެގެން އަންނަ ކަމަށް އަޅުގަނޑު ގަބޫލުކުރާ ވާހަކަ ދަންނަވަން. ހަމަގައިމު ވެސް އަޅުގަނޑު އެ ދުވަހަކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެއްޖެ ނަމަ އާއްމުންގެ ހިނިތުންވުމަށް ބަދަލުކޮށްދޭނެ ކަމަށް ކަށަވަރުކޮށް ތިޔަ ބޭފުޅުންނަށް އަރުވަން،" ގާސިމް ވިދާޅުވި އެވެ.
ކޮންމެ އަތޮޅެއްގައި ޔުނިވަސިޓީގެ ފެކަލްޓީއެއް ގާއިމްކޮށް ނަރުދަމާ އާއި ފެން ހޮޅި ގުޅައިދޭނެ ކަމުގެ ވައުދު ގާސިމް ތަކުރާރުކުރެއްވި އެވެ.
އެމްޑީޕީން ފައިސާ ހޯދަނީ ކޮން ތާކުންކަން އެނގޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ