ތައުލީމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ބައިނަލް އަގްވާމީ އެވޯޑެއް ލިބިވަޑައިގަތުމުން، ތައުލީމަށް ހިދުމަތް ކުރުމުގައި ހިތްވަރު އާވެއްޖެ ކަމަށް ވިލާ ފައުންޑޭޝަން އަދި ވިލާ ކޮލެޖްގެ ޗެއާމަން ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިސްވެރިން ހިމެނޭ ވޯލްޑް އެޑިއުކޭޝަން ކޮންގްރެސް އިން، ތައުލީމަށް ގާސިމް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް އެރުވުމަށް މިރޭ ނަސަންދުރަ ޕެލަސް ހޮޓެލުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ދިވެހި މުޖުތަމައު ތައުލީމީ ތަނަކަށް ހެދުމުގެ އަޒުމު މި އެވޯޑުގެ ސަބަބުން ވަރުގަދަވެއްޖެ ކަމަށެވެ. އަދި އެކަމަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންފި ކަމަށް ވިދާޅުވި އެވެ. އަދި މުޖުތަމައަށް ހިދުމަތެއް ކޮށްދިނުމުގެ ހުވަފެން ހަގީގަތަކަށްވެ އެކަން ކާމިޔާބު ކުރެއްވިއްޖެ އިހުސާސް ވެވަޑައިގެންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އެވޯޑަކީ ސިއްހީ ހިދުމަތްތަކުން ފެށިގެން، މުޖުތަމައުގެ ތަރައްގީ އާއި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރިއެރުމުގެ ހުވަފެނެއް ހަގީގަތަކަށް ވުން. އަދި ޒުވާނުން ކުރިއަރުވައި، ޕްރައިމަރީ ތައުލީމުން ޔުނިވަސިޓީ ތައުލީމާ ހަމައަށް ތައުލީމު ފުރިހަމަ ކުރެވުމުގެ ހުވަފެނެއް" ރާއްޖޭގައި އެންމެ ފުރަތަމަ ޕްރައިވެޓް ހައި ސްކޫލެއް ގާއިމު ކުރެއްވި ގާސިމް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައިއެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވީ ގާސިމަކީ މުޖުތަމައަށް ހިދުމަތް ކުރެއްވުމުގައި ނަމޫނާ މިސާލެއް ކަމަށެވެ. އަދި އޭނާ ތައުލީމީ ދާއިރާއަށް ކުރައްވާފައިވާ ހިދުމަތްތަކަށް ލިބިވަޑައިގެންނެވި އެ އެވޯޑަކީ، އެއަށް ދިވެހި ރައްޔިތުން ފަހުރުވެރިވާ އެވޯޑެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ގާސިމް އިބްރާހިމް 2007 ވަނަ އަހަރު ވިލާ ކޮލެޖް އުފެއްދުމުން ދޭހަ ވަނީ، މަތީ ތައުލީމު ކުރިއެރުވުމަށް އޭނާ ޝައުގުވެރިކަން ހުންނެވި މިންވަރު. ގާސިމަށް ލިބިވަޑައިގެންނެވި މި ކާމިޔާބީ އަކީ މަތީ ތައުލީމުގައި ރާއްޖެއަށް ވަރަށް ހާއްސަ ކާމިޔާބީއެއް،" ޑރ. އާސިމް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، ގާސިމްގެ ޖުމްހޫރީ ޕާޓީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެވޯޑް ލިބުމުން ތައުލީމަށް ހިދުމަތް ކުރުމުގައި ހިތްވަރު އާވެއްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ